ކާބުލް (ޑިސެމްބަރު 28): އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 40 މީހަކު މަރުވެ، 30 މީހަކަށް އަނިޔާވެއްޖެ އެވެ.

އަފްޣާން އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެހަމަލާ ދީފައި ވަނީ ޝީޢީންގެ ސަގާފީ އަދި ދީނީ ސެންޓަރަކާއި އެގައުމުގެ ނޫސް އޭޖެންސީއެއް ހުރި ސަރަހައްދަކަށެވެ. އަދި އެހަމަލާ ދިން ވަގުތު އެސެންޓަރުގައި ދިޔައީ ސޯވިއެޓް ޔޫނިއަނުން 1979ގައި އަފްގާނިސްތާނަށް އަރައިގަތްތާ 38 އަހަރު ފާހަގަ ކުރަމުން ކަމަށް އެމިނިސްޓްރީން ބުންޏެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އަމިއްލައަށް މަރުވެގެން ދިން އެންމެ ފުރަތަމަ ހަމަލާއަށް ފަހު އިތުރު ދެ ހަމަލާއެއް ވެސް ދީފައިވެ އެވެ. އަދި ކާބުލްގެ ހޮސްޕިޓަލްތަކުން މިހާރު ދަނީ އެހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުންނެވެ.

ފާއިތުވި މަސްތަކުގައި އައިއެސް އިން ވަނީ ޝީޢީންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވީ ނަމަވެސް މިއަދު ދިން ހަމަލާގެ ޒިންމާ އެޖަމާއަތުން ނަގާފައި ނުވެ އެވެ. އަދި އެގައުމުގައި ހަރަކާތްތެރިވާ ތާލިބާނުން ވަނީ އެހަމަލާއަކީ އެޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. (ބީބީސީ)