28 Dec 2017, 15:07
މިފެށޭ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ދިހަ ޓީމު ވާދަކުރާ ގޮތަށް ލީގު ފޯމެޓަށް ބަދަލުތަކެއް ގެނެސްފި އެވެ.
ލީގުގައި ދިހަ ޓީމު ވާދަކުރާގޮތަށް ހަމަޖެއްސިކަން އިއުލާންކުރީ މިފެށޭ އަހަރުގެ ފުޓްބޯޅަ ކަލަންޑަރު އިއުލާންކުރުމަށް އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ، މިއަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިން ނަމަވެސް އަންނަ އަހަރު ޕްރިމިއާ ލީގުން މާލޭ ލީގުގެ ގަދަ ހަ ޓީމަށް ލިބިގެންދާނެ ކަމަށެވެ.
އެހެންކަމުން މިފެށޭ އަހަރުގެ ޕްރިމިއާ ލީގުގައި މާލޭ ލީގުގެ ގަދަ ހަ ޓީމުގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ވާދަކުރާނެ އެވެ. މިފެށޭ އަހަރުގެ ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ދިހަ ޓީމު ވާދަކުރާ އިރު، ދެވަނަ ބުރަށް ދަތުރުކުރާނީ ފުރަތަމަ ބުރުގެ ގަދަ އަށް ޓީމެވެ.
ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުން އޮޓޮމެޓިކް ޖާގައެއް ލިބިގެންދާ އިރު، މާލޭ ލީގުގެ ކޮލިފައިންގައި ވާދަކުރާނީ ލީގުގެ ހަވަނަ ޓީމާއި ހަތް ވަނަ ޓީމުގެ އިތުރުން ދެވަނަ ޑިވިޝަންގެ ރަނަރަޕެވެ. މާލޭ ލީގު ކޮލިފައިންގައި ދެ ބުރު ކުރިއަށްގެންދިއުމަށް އެފްއޭއެމުން ވަނީ ރާވައިފަ އެވެ. އަދި 2019 ވަނަ އަހަރުގެ މާލޭ ލީގުން ކޮލިފައިންގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަށް ލިބޭނެ އެވެ.
އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ، ޕްރިމިއާ ލީގުން ހަ ޓީމަށް ފުރުސަތުދޭން ނިންމީ މާލެ ލީގުގައި ވާދަކުރާ ޓީމުތަކަށް އިތުރު ފުރުސަތުދީ ވާދަވެރިކަން އިތުރުކުރަން ކަމަށާއި ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް އޮޓޮމެޓިކް ޖާގައެއް ދޭން ނިންމީ އެ މުބާރާތުގެ ފެންވަރު ރަނގަޅުވަމުންދާތީ ކަމަށެވެ.
މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި، ޕްރިމިއާ ލީގުގައި ވާދަކުރި ހަތަރު ޓީމަށް ވެސް އެފްއޭއެމުން ވަނީ ރަނގަޅު ގޮތެއް ހަމަޖައްސައިދީފަ އެވެ. އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި އެ ހަތަރު ޓީމު ވާދަކުރަން ޖެހޭނީ ފައިނަލް ބުރުން ފެށިގެންނެވެ. އެހެންކަމުން އެ ޓީމުތައް މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރާއި ޒޯން ބުރު ކުޅޭކަށް ނުޖެހޭނެ އެވެ.
އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ސީޒަން ފެށުމަށް ހަމަޖެހިފައިވާ އިރު، ސީޒަން ނިންމުމަށް ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ ފަހުކޮޅެވެ. ނަމަވެސް އޭއެފްސީ ކަޕްގައި ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު ދެވަނަ ބުރަށް ދަތުރުކޮށްފި ނަމަ، ތާވަލަށް ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.
އަންނަ އަހަރަކީ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން އޭޝިއަން ކަޕް ވެސް ކުރިއަށްދާ އަހަރަށްވުމާ އެކު އެ މުބާރާތްތަކަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ވަގުތުދިނުމުގެ ގޮތުން ސީޒަން މެދުކަނޑާލުމަށް ވެސް ނިންމާފައިވެ އެވެ. އެއީ 25 ދުވަހުގެ މެދުކެނޑުމެކެވެ.