28 Dec 2017, 15:13
ބޮޮލީވުޑްގައި މިހާރު ހުރި އެންމެ ކާމިޔާބު ތަރިއަކީ ޕްރިޔަންކާ ޗޯޕްރާ ކަން ޔަގީނެވެ. ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑްގެ ސީރީޒެއްގައި ވެސް ޕްރިޔަންކާ އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އޭނާ ވަނީ ހޮލީވުޑްގެ ފިލްމު ބޭވޮޗްގައި ވެސް މުހިއްމު ރޯލެއް ކުޅެފަ އެވެ.
އިންޑިއާ އާއި އެމެރިކާގައި ބުޒީ ޝެޑިއުލެއްގައި މަސައްކަތް ކުރަމުން އަންނަ ޕްރިޔަންކާ މިވަގުތު ހުރީ އިންޑިއާގަ އެވެ. އާއިލާ އާއެކު އާއަހަރު ފާހަގަ ކުރުމަށް ފަހު އެނބުރި އެމެރިކާއަށް ދާނެ އެވެ.
ދާދިފަހުން ދިއްލީގައި ބޭއްވި އިވެންޓެއްގެ ހަވާސާގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ވަނީ ކައިވެންޏެެއް ކުރަން ބޭނުންވާ ވާހަކަ ބުނެފަ އެވެ. ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޕްރިޔަންކާ ބުނީ ކައިވެންޏެއް ކުރަން އޭނާގެ މަންމަ އެދޭ ކަމަށެވެ.
"އަހަރެން ކުރާ މަސައްކަތް ބަލައިގަންނަ، އަހަރެންގެ ކާމިޔާބީތައް ބަލައިގަންނަ މީހަކާ ކައިވެނި ކުރަން މަންމަ ވަނީ އެދިފައި. އަހަރެން ކައިވެނިކޮށް ދަރިން ހޯދަން ބޭނުން،" ޕްރިޔަންކާ ބުނީ "ކްރިކެޓް ޓީމެއް ހަމަވާ ވަރަށް" ކުދިން ހޯދަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ކައިވެނި ކުރަން މީހަކު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.