ޕިޔޮންގްޔެން (28 ޑިސެމްބަރު):އުތުރުކޮރެއާ ދެކޮޅަށް ދަތަކުރުމުގެ ފިޔަވަޅުތައް އަޅައިފައިވިޔަސް، ޗައިނާގެ ބޯޓުތަކުން އުތުރުކޮރެއާއަށް ތޮޔޮ ވިއްކާވަރު އޮކްޓޫބަރު މަހުން ފެށިގެންު 30 ގުނަ އިތުރުވެފައިވާ ކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓުމަންޓުން ބުނެފި އެވެ.

އުތުރު ކޮރެއާގެ ބޯޓެއް ކަމަށްވާ ރީ ސޮންގް ގޭންގް ޗައިނާގެ ބޮޑު ބޯޓަކާ ކައިރިކުރުމަށް ފަހު ތެލުގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގާތަން ކަމަށް ބުނެ އޮކްޓޫބަރު މަހު އެމެރިކާގެ ސެޓެލައިޓްތަކުން ނަގައިފައިވާ ފޮޓޯތަކެއް އެމެރިކާ އިން ވަނީ އާންމުކޮށްފަ އެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ބުނި ގޮތުގައި ތެލުގެ ވަގު ވިޔަފާރިތައް އިތުރުވެފައި ވަނީ އދ. އިން ސެޕްޓެމްބަރު މަހު އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތެޔޮ އެތެރެކުރުން ވަރަށް ބޮޑަށް ދަށްކުރުމަށް ފާސް ކުރުމުގެ ސަބަބުންނެވެ.

އުތުރު ކޮރެެއާ އަށް މިހާރު އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެގައުމުން އަހަރަކު އިމްޕޯޓްކުރެވޭނީ އެންމެ ފަސް ލައްކަ ތެޔޮ ފީފާ އެކަންޏެވެ. އުތުރު ކޮރެއާ އިން ބުނީ އެގައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެއް ކަމަށެވެ.

ދެކުނު ކޮރެއާގެ ޕޫސާން ނެޝެނަލް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ރޮބާޓް ކެލީ ވިދާޅުވީ ތެލުގެ ވަގު ވިޔަފާރި ޗައިނާއާ އުތުރުކޮރެއާއާ ދެމެދު ހިނގުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަކެވެ. އަދި ޗައިނާ އިން އެ ސަރަހައްދު ރަނގަޅަށް ނުބަލަހައްޓަށް ކަމަށާއި އަދި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި މާބޮޑަށް އަޅާނުލާ ކަމަށް ވެސް ރޮބާޓް ވިދާޅުވި އެވެ.

ޗައިނާ އިން މިދިޔަ އަނގާރަ ދުވަހު ނެރުނު އެގައުމުގެ ކަސްޓަމްސްގެ ތަފާތު ހިސާބުތަކުން ދެއްކި ގޮތުގައި ޗައިނާ އިން އެއްވެސް ވަރަކަށް ނޮވެމްބަރު މަހު އުތުރުކޮރެއާއަށް ތެޔޮ އެކްސްޕޯޓު ކޮށްފައެއް ނުވެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އުތުރުކޮރެއާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާ އިން ފުރިހަމައަށް އަމަލުކުރަމުންދާ ކަމަށެވެ.

މަސްދަރު: ގާޑިއަން