28 Dec 2017, 14:20
ޕާކިސްތާނުގައި ޓެރެރިސްޓު ހަމަލާތައްދީ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވަނިކޮށް އަތުލައިގައިގަތް އިންޑިއާގެ ޖާސޫސީ އޭޖެންޓު ކުލްބުޝާން ޖާދޭވް އޭނާގެ އާއިލާއާ ބައްދަލުކުރުމަށް ފަހު އޭނާއަކީ ޖާސޫސެއް ކަމަށް އިއުރިރާފުވެއްޖެ އެެވެ.
އިންޑިއާގެ މީޑިއާއިން މިއަދު ބުނި ގޮތުގައި ޖާދޭވް އޭނާގެ މަންމައާއި އަދި އަންހެނުންނާ ބައްދަލުކުރުމަށް ފަހު ވަނީ ޕާކިސްތާނުގައި ދިން އެތަކެއް ޓެރެރިސްޓު ހަމަލާތަކެއްގައި އޭނާގެ ފުރިހަމަ ދައުރެެއް އޭގައި އޮތް ކަމަށް ބުނެފަ އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނީ ޖާދެވް އެފަދައިން ފުރަތަމަ ބައްދަލުވުމުގައި ބުނެފާނެ ކަމަށް އޭނާގެ އާއިލާއިން އެެއްވެސް ވަރަކަށް ހީވެސް ނުކުރާ ކަމަށެވެ. އަދި ޖާދޭވް އަކީ ޖާސޫސެއް ކަމުގައި އެއްބަސްނުވުމަށް އޭނާގެ މަންމަ ބާރުއެޅި ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާއިން ބުންޏެވެ.
ޓެރެރިޒަމްގެ ތުހުމަތުތައި ޖާދޭވް ޕާކިސްތާނުގެ ބަލޯޗިސްތާނުން ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ޕާކިސްތާނުން ވަނީ އޭނާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ދީފަ އެވެ.
ޕާކިސްތާނުގެ ބޯޑަރާ ވަރަށް ކައިރީގައި އިރާނުގައި ހުރެގެން ކުލްބުޝާން ވަނީ ވަރަށް ގިނަ ޓެރެރިސްޓް ހަމަލާތައް ރާވައި ހިންގައިފަ އެވެ. އޭނާ އަތުލައިގަތީ އިރާނުގެ ތެރެއިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދެއް ކަމަށްވާ ބަލޫޗިސްތާނުގައި ހަރަކާތްތެރިވަމުން ދަނި ކޮށެވެ.
ކުލްބުޝާން އޭނާގެ ކުށަށް އިއުތިރާފްވި ކަމުގެ ވީޑިއޯއެއް ވެސް ޕާކިސްތާނުން ވަނީ ނެރެފަ އެވެ.
ކުލްބުޝާންއަށް ޕާކިސްތާނުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް އިންޑިއާ އިން އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅައިފައިވާތީވެ، މަރުގެ ހުކުމް އަދި ތަންފީޒުކޮށްފައެއް ނުވެ އެވެ.