ނ. އަތޮޅު ލަންދޫގައި އެއް ދޯންޏަކުން މަހަށްދާ ދެމީހަކު ހަފްތާއެއްގެ ތެރޭގައި ކުއްލި މަރަކުން މަރުވެއްޖެ އެވެ.

ވޭތުވެ ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ށ. އަތޮޅު ބޮއިގައި ދޯނި މަސްބާނަން އޮއްވައި، އާދަމް އިސްމާއިލް، 45، ވަނީ ކުއްލިއަކަށް މަރުވެފަ އެވެ.

ލަންދޫ ކައުންސިލް މެމްބަރު އަބްދުﷲ އާރިފް 'ސަން' އަށް ވިދާޅުވީ އާދަމްބެ މަރުވީ މަސް ބާނަން ހުއްޓައި ހާލުދެރަވެ ހޮޑުލެވި ކަންކަން ދިމާވުމަށް ފަހު ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ އާރިފް ވިދާޅުވީ އާދަމްބެ މަރުވީ ހަޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.

އެކަން އެގޮތަށް ހިނގާފައި ވަނިކޮށް މިއަދު ވަނީ އެދޯނީގެ އެންއުކަން އުޅޭ، އަހުމަދު ފައިސަލް، 45، މަރުވެފަ އެވެ. އޭނާ ވެސް މަރުވީ ކުއްލި މަރަކުން ކަމަށާއި މަރުވީ ހަމަ ށ. އަތޮޅު ބޮއިގައި އެންއުކަން ހުއްޓައި ކުއްލިއަކަށް ވެއްޓިގެން ކަމަށް އާރިފް ވިދާޅުވި އެވެ.

މިހާރު ފައިސަލްގެ ހަށިގަނޑު އޮތީ ނ. ކެނދިކޮޅުގަ އެވެ. އަދި ފުލުހުންގެ ފޮރެންސިކް ޓީމަކުން ފައިސަލްގެ ހަށިގަނޑަށް އެއް ވެސް ގެއްލުމެއް ވެފައިވޭތޯ ބަލަމުން ދާ ކަމަށް އާރިފް ވިދާޅުވި އެވެ.

މިއަދު މަރުވި ފައިސަލް އަދި ހަފްތާއެއް ކުރިން މަރުވި އާދަމްބެގެ ވެސް ތިން ކުދިން ތިބޭ ކަން އާރިފްގެ ފަރާތުން އެނގުނެވެ.

އެ ދެ މީހުންނަކީ އާރިފާ ވެސް ވަރަށް ގާތް ދެ މީހުން ކަމުން ވާހަކަ ދެއްކި އިރު އާރިފަށް ވެސް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ.

ކުއްލިއަކަށް އެއް ދޯންޏަކުން ދެ މީހަކު އެގޮތަށް މަރުވުމުން އެކަމުގައި ފަންޑިތައިގެ ކަމެއް އެކުލެވެތޯ ކައުންސިލުން އިސް ނަގައިގެން ބަލާނެ ކަމަށް އާރިފް ވިދާޅުވި އެވެ.

"އެކަހަލަ ކަމެއް އުޅެއެކޭ ނޫން. އެކަމަކު މިކަހަލަ ކަމެއް ދިމަވީމަ ބޭނުންވޭ ބަލާލަން،" އާރިފް ވިދާޅުވި އެވެ.

މީގެ ކުރިން އެކަހަލަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ. ދޯންޏަކީ ލަންދޫގައި އެންމެ މަސްވެރިކަން ރަނގަޅު އެއް ދޯނި ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.