އިންޑިއާ މީހުންގެ މެދުގައި އެންމެ މަގުބޫލު ހަނީމޫން މަންޒިލުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ. ގޫގުލް، އިންޑިއާ އާ ހަވާލާދީ އިކޮނޮމިކް ޓައިމްސް އިން ބުނީ އެ ގައުމުގައި އެންމެ މަގުބޫލު ހަނީމޫން މަންޒިލުތަކަކީ ރާއްޖެ އާއި އިންޑޮނޭޝިއާގެ ބާލީގެ އިތުރުން ސީޝެލްސް ކަމަށެވެ.

ފިނި މޫސުމާ ދިމާކޮށް އަގުބޮޑު ޗުއްޓީތައް ހޭދަކުރުމަށް ރިސޯޓުތަކުގެ މައުލޫމާތު ހޯދާ މިންވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު 34 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި ހަނީމޫނު މަންޒިލުތަކަށް ބަލާ އިރު ވެސް އެންމެ މަގުބޫލީ މަތީ ފަންތީގެ މަންޒިލުތައް ކަމަށް އެ ނޫހުން ބުނެފައިވެ އެވެ. ސަފާރީ ޑެސްޓިނޭޝަންތަކަކަކީ ވެސް އިންޑިއާ މީހުންގެ މެދުގައި މަގުބޫލު މާކެޓެއް ކަމަށް އިކޮނޮމިކް ޓައިމްސް އިން ބުނެ އެވެ.

މީގެ އިތުރުން ދުބާއީ އަކީ ވެސް އިންޑިއާ މީހުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށް ބުނެފައިވެ އެވެ.

އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މަންޒިލެކެވެ. ހުސްވި ނޮވެމްބަރު މަހު އެގައުމުން 7231 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އާންމުންގެ އިތުރުން އެ ގައުމުގެ މަޝްހޫރު ސެލެބްރިޓީންގެ މެދުގައި ވެސް ރާއްޖެ އަކީ މަގުބޫލު މަންޒިލެކެވެ.