ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމުގައި ހުންނެވުމަށް ފަހު، އެ ޕާޓީން ވަކިވެވަޑައިގެން ސަރުކާރު ހިންގާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި އޭނާގެ އަނބިކަނބަލުން ހުޅުމާލެ އިން 1539 އަކަފޫޓްގެ ދެ ގޯއްޗެއް 9.4 މިލިއަން ރުފިޔާ އަށް ބައްލަވައިގެންފި އެވެ.

ހުޅުމާލޭ ބީޗުފްރަންޓުން ވިއްކި 36 ގޯތީގެ މައުލޫމާތު ދެއްވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީން(ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހދ. ކުޅުދުއްފުށީ ބަނދަރު، އަލީ ވަހީދު، 1539.648 އަކަފޫޓްގެ ގޯއްޗެއްގެ ބިޑް ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބިޑް ކާމިޔާބު ކުރެއްވުމުން ގޯތި ބައްލަވައިގަތުމުގެ މަސައްކަތް އަލީ ވަހީދު ކުރިއަށް ގެންދަވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަދި އެކުންފުނީގެ ވެބްސައިޓްގައިވާ ގޮތުން އަލީ ވަހީދުގެ އަނބިކަނބަލުން ހ. ތަންބިއާގެ އައިޝަތު ލީޝާ ވެސް ވަނީ 1572.775 އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް 3020ރ. ގެ ރޭޓުން ގަނެފަ އެވެ. އަދި އަލީ ވަހީދު ބީލަން ކާމިޔާބު ކުރެއްވީ އަކަފޫޓަކަށް 3020.20ރ.ގެ ރޭޓުން 4.6 މިލިއަން ރުފިޔާ އަށަވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ބީޗުފްރަންޓުން ވިއްކި 36 ގޯތީގެ ޑައުންޕޭމަންޓްގެ ގޮތުގައި ގޯތީގެ ޖުމްލަ އަގުގެ 25 ޕަސެންޓް ބީލަން ކާމިޔާބުކުރިކަން އެނގޭތާ ހަތް ދުވަހުގެ ތެރޭގައި އެކީ ދެއްކުން ނުވަތަ އިންސްޓޯލްމަންޓަކަށް ބަހާލައިގެން ކަނޑައެޅޭ އުސޫލަކުން ދެއްކި ދާނެ ކަމަށެވެ. ބާކީ 75 ޕަސެންޓަށް ވާ ފައިސާ ބިމުގެ ދިހަ ޕަސެންޓް އިންޓަރެސްޓާ އެކު ފަސް އަހަރަށް ބަހާލައިގެން މަހުން މަހަށް ދެއްކި ދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ނަމަވެސް އަލީ ވަހީދު ހުޅުމާލެ އިން ބައްލަވައިގެންފައިވާ ގޯއްޗަށް ފައިސާ ދައްކަވާނީ ގޯއްޗައްވާ ފައިސާ އެއްކޮށްތޯ، ނުވަތަ ފަސް އަހަރަށް ބަހަލައިގެން މަހުން މަހަށް ކަމެއް އެޗްޑީސީން ނުބުންޏެވެ. އަދި އެ މައުލޫމާތު ދިނުމަށް އެ ކުންފުނިން އިންކާރު ކުރެ އެވެ.

އަލީ ވަހީދުގެ ދެކަނބަނލުން ހުޅުމާލެ އިން ދެ ގޯއްޗެއް ބައްލަވައިގެންފައި ވަނީ އޭނާ ޑީއާރްޕީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެތައް މިލިއަށް ރުފިޔާއެއް ދީގެން ކަމަށް ބުނެ، އަޑު ފެތުރިފައި ދަނޑިވަޅެއްގަ އެވެ. އަދި އަލީ ވަހީދުގެ އިތުރުން އެހެންހެން ފަރާތްތައް އެމްޑީޕީ އަށް ސޮއިކުރުމުގައި ރިޝްވަތުގެ ކަންތައްތައް ހިގައިފައިވޭތޯ ބެލުމަށް އުމަރު ނަސީރު އެންޓިކޮރަޕްޝަނަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.