28 Dec 2017, 17:52
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން "މައިލްސް ފޯ ސްމައިލްސް"ގެ ނަމުގައި މިފެށޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ 24 ގަޑިއިރުގެ ފަންޑް ރެއިސިން ދުވުމުގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕް ހަމަޖައްސައިފިއެވެ.
އެކަމަށްޓަކައި މިއަދު ސްޕޯޓްސް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މީޑިއާ ޕާޓްނާޝިޕް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައްޒާގު އިބްރާހީމެވެ. ސަން މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއޯއޯ މިންހާ ފާއިޒެވެ.

މައިލްސް ފޯ ސްމައިލްސް ރަންގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ހަމަޖެއްސުމަށް ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު --- ސަން ފޮޓޯ
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ރައްޒާގު ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށާއި އާންމުން ހޭލުންތެރިކުރުމަށް ސްޕޯޓްސް ކޯޕަރޭޝަނުން މީގެ ކުރިން ހިންގި ޕްރޮގްރާމްތަކުގައި ވެސް ސަން މީޑިއާއިން އެކުގައި މަސައްކަތްކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި ސަން މީޑިއާއަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.
"ކުޅިވަރަކީ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް ހަމަޖެހިފައިވާ ކުޅިވަރު ނިޒާމެއްކަން، އޭގެ އެވެއާނަސް ޕްރޮގްރާމެއްގެ ގޮތުގައި ރާވާ އިންތިޒާމްކުރާ ރަންއެއް މިއީ. މީގެ ތަފާތު އެހެން މަގްސަދުތަކެއްވެސް އެބަހުރި. ކުޅިވަރާއި ކަސްރަތުގެ މުހިންމުކަން އަންގައިދިނުން. މި ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް އަލަށް ތަޖުރިބާކުރެވޭ ޕްރޮގްރާމެއް. މި ޕްރޮގްރާމަކީ 24 ގަޑިއިރުގެ ދުވުމެއް ނިމިގެންދާގޮތަށް ރޭވިފައި އޮތް ޕްރޮގްރާމެއް،" އޭނާ ވިދާޅުވިއެވެ.
ސަން މީޑިއާގެ ސީއޯއޯ މިންހާ ވިދާޅުވީ، މިއީ ހަމައެކަނި ދުވުމުގެ ހަރަކާތެއް ނޫން ކަމަށާއި މީގެ ފަހަތުގައި 24 އިރުގެ ތެރޭގައި ކުރިއަށްދާ ވަރަށް ބައިވަރު ކަންތައްތައް ހިމެނޭ ކަމަށެވެ. އަދި މިކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ މީޑިއާއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށް ވެސް މިންހާ ވިދާޅުވިއެވެ.

މައިލްސް ފޯ ސްމައިލްސް ރަންގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ހަމަޖެއްސުމަށް ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު --- ސަން ފޮޓޯ
"އަޅުގަނޑުމެން ވަރަށް އުފާކުރަން މި ފުރުސަތު ލިބުނީތީ، ސްޕޯޓްސް ކޯޕަރޭޝަނާ ގުޅިގެން މި އިވެންޓްގެ ކަވަރޭޖް ގެނެސްދިނުމުގެ ފުރުސަތު ލިބުނީތީ. މި އިވެންޓުގެ ކަވަރޭޖް އަޅުގަނޑުމެންގެ އެކިއެކި މީޑިއާ އައުޓްލެޓްތަކުން ގެނެސްދެމުންދާނެ. ސަން ޓީވީން ލައިވް ކުރަމުންދާ އިރު، އޮންލައިނުން ވެސް ލައިވް ކުރަމުންގެންދާނެ. އަޅުގަނޑުމެންގެ ސްޕޯޓްސް ޑިޕާޓްމަންޓުން ރައްޔިތުންނަށް މި އިވެންޓުގެ ކަވަރޭޖް ގެނެސްދެމުންދާނެ،" އޭނާ ވިދާޅުވިއެވެ.
މައިލްސް ފޯ ސްމައިލްސް ރަންއަކީ ކުޅިވަރާއި ކަސްރަތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ސްޕޯޓްސް ކޯޕަރޭޝަނުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެ ދުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ 4:30 އިން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:30އާ ހަމައަށް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގައެވެ.
އެ ހަރަކާތުގައި 24 ގަޑިއިރު ދުވުމަށް ހަމަޖެހިފައިވަނީ އިބްރާހިމް ސާއިދު އަލީއެވެ. ސާއިދަކީ ދިގު ދުވުންތައް ދުވުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަޝްހޫރު ދުވުންތެރިއެކެވެ. އެ ދުވުމުގައި ސާއިދަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު އެކަޑަމީތަކާއި އެންޖީއޯތައް ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.