މާލޭ ނޯތު ހާބަރު އެއްފަރާތުގައި ކޮނެފައި އޮތް ވަޅުގަނޑަކަށް ސައިކަލަކާ އެކު ދެ މީހަކު ވެއްޓި އެކިވަރުގެ އަނިޔާތަކެއް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު އެވެ. ޒުވާންފުރައިގެ އަންހެނަކު އިތުރު ފިރިހެނަކާ އެކު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދަނިކޮށް ވެއްޓިފައި ވަނީ ނޯތު ހާބަރަށް ވަންނަ ދޮރު ކައިރީގައި ކޮނެފައިވާ ވަޅުގަނޑަކަށެވެ.

ފުންމިނުގައި ހަތަރު ވަރަކަށް ފޫޓްހުރި އެ ވަޅުގަނޑަކީ ހޮޅި ވަޅުލުމަށް ކޮނެފައިވާ ވަޅުގަނޑެކެވެ. އަދި އެއްފަރާތުން ސަތަރި ޖަހާފައިވާއިރު ސައިކަލު ވެއްޓުނީ ސަތަރި ނުޖަހައި ފަސް އަޅާފައިވާ ފަޅިން ކަމަށް މަންޒަރުދުށް މީހަކު ކިޔައިދިނެވެ. އެކަމަކު އެ ސަރަހައްދުގައި ވަނީ، އިންޒާރުގެ ބޯޑް ބައްހަޓައިފަ އެވެ.

އޭނާ ބުނީ ވެއްޓުނު ދެ މީހުންގެ ގައިގެ އެކިތަނުން ހަން މަށައިގެން ގޮސް ސައިކަލަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ސީރިއަސް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއް ނޯތު ހާބަރު ސަރަހައްދުގައި ކޮނެފައިވާ ވަޅުގަނޑަކަށް ވެއްޓިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޮފިޝަލު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.