28 Dec 2017, 11:14
ގދ. މަޑަވެލީގައި ފުލުހުންގެ އިދާރާ ހިންގަމުންދިޔަ އިމާރާތުގެ ކުލި ދެއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން އެ ރަށުގައި ފުލުހުންގެ ހިދުމަތް ދިނުން މެދުކަނޑާލަން ނިންމައިފި އެވެ.
އެކަމާ ގުޅޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ނައިބު ރައީސް އަޒަމް މުހައްމަދު މިއަދު ވިދާޅުވީ، މަޑަވެލީ ޕޮލިސް ޕޯސްޓް ހިންގަމުން އައީ ކައުންސިލުން ކުއްޔަށް ނަގާފައިވާ އަމިއްލަ މީހެއްގެ ގެއެއްގައި ކަމަށެވެ. ނަމަވެސް އެތަނަށް ކުލިދެއްކޭނެ ގޮތެއް މިހާރު ނެތް ކަމަށާއި އެހެންކަމުން ޕޮލިސް ޕޯސްޓް ހިންގަމުން އައިތަން ހުސްކުރަން ފުލުހުންނަށް އަންގާފައިވާނެެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުލުހުންނާއި ހޯމް މިނިސްޓްރީއާ ވެސް ވާހަކަ ދައްކާފަ އެގޮތަށް ނިންމީ. ރަށު ރައްޔިތުންގެ ބަޖެޓުން ހަރަދުކޮށްގެން އެތަނަށް ކުލި ދައްކާ އިރު ދެކޮޅު ނުޖެހޭތީ އެކަން ވާނީ ހިއްސާ ކުރެވިފައި. ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބުމުން އެތަން ހުސްކުރަން އެންގީ،" ކައުންސިލްގެ ނައިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ރަށުގައި ފުލުހުންގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ގޮތްވުމަކީ ރައްޔިތުންނާއި ކައުންސިލްގެ ވެސް އެދުމެއް ކަމަށެވެ.
"ނަމަވެސް ކައުންސިލުގެ ހަރަދުގައި މިވަގުތު ބޭތިއްބޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް މިހާރު އަމަލުކުރަމުންދާ ސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސްކަން ދެނީ ކައުންސިލްތަކާ ގުޅިގެން "ކޮސްޓް ޝެއަރިން ބޭސިސް"އެއްގައި ހިދުމަތްދިނުމަށް ކަމަށެވެ.
މަޑަވެލީގައި ފުލުހުންގެ ހިދުމަތް މެދުކަނޑާލަނީ އެ ސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ގާއިމުވެ ތިބުމަށް މަޑަވެލި ކައުންސިލާއި ފުލުހުން ކުރި މަޝްވަރާއިން އެފަދަ އެއްބަސްވުމަކަށް ނާދެވުމުން ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނީ، ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކައުންސިލްތަކުގެ އިސްނެންގެވުމާއި އެހީތެރިކަން ވަރަށް މުހިއްމު ކަމަށެވެ.