ތޫނިސް (ޑިސެމްބަރު 28): ސީރިއާގެ ރައީސް ބައްޝާރުލް އަސަދަކީ ޓެރަރިސްޓެއް ކަމަށާއި އޭނާއާ އެކު ސުލްހައިގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

"އަސަދަކީ ސްޓޭޓް ޓެރަރިޒަމް ހިންގާފައިވާ ޓެރަރިސްޓެއްކަން ކަށަވަރު. އަސަދާއެކު [ސުލްހައިގެ މަސައްކަތްތައް] ކުރިއަށް ނުގެންދެވޭނެ. ސީރިއާގެ އެތައް މިލިއަން ރައްޔިތުން މަރާލި ރައީސަކާ އެކު ކިހިނެއް ގައުމުގެ މުސްތަގުބަލު ބިނާ ކުރެވޭނީ؟" އުރުދުޣާން ތޫނިސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އުރުދުޣާން އެފަދައިން ވިދާޅުވުމާ ގުޅިގެން އޭނާއަށް ރައްދު ދެމުން ސީރިއާގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް އުރުދުޣާން ތާއިދު ކުރައްވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ސީރިއާގެ ވެރިކަމުން އަސަދު ދުރުކުރަން ތުރުކީން މީގެ ކުރިން ގޮވާލަމުން އައި ނަމަވެސް އެ ގައުމުން މިހާރު އިސްކަން ދެނީ ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ވައިޕީޖީ ހަނގުރާމަވެރިންގެ ބާރު ކަނޑުވާލުމަށެވެ.

ތުރުކީން ދެކޭ ގޮތުގައި ވައިޕީޖީ އަކީ އެގައުމުން މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބައެކެވެ. އެހެންކަމުން އެގައުމުން ވަނީ ކަޒަކިސްތާނުގެ ވެރިރަށް އާސްތާނާގައި ބާއްވާ ސީރިއާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ވައިޕީޖީއަށް ދައުވަތު ދީގެން ނުވާނެ ކަމަށް ބުނެފަ އެވެ.

ވައިޕީޖީ އަކީ ސީރިއާގައި އިސްލާމިކް ސްޓޭޓާ ހަނގުރާމަ ކުރުމަށް އެމެރިކާ އިން އަސްކަރީ ތަމްރީނާއި ހަތިޔާރު ފޯރުކޮށްދޭ މައި އެއް ޖަމާއަތެވެ. އޭގެ ސަބަބުން ތުރުކީން ވަނީ އެއީ އެގައުމަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. (ރޮއިޓާސް)