ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ބޭންކް، ބޭންކް އޮފް މޯލްޑިވްސް] ބީއެމްއެލް[ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިހާބުކޮށް، ކަނޑައަޅައިފި އެވެ.

ރޭ ނަސަންދުރާ ޕެލަސް ހޮޓެލްގައި އޮތް ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓުންގެ ބޯޑަށް އާންމު މެންބަރުންގެ ފަރާތުން ހޮވީ، މިދިޔަ އަހަރުގައި ވެސް ބޯޑް މެންބަރުންގެ ގޮތުގައި ތިއްބެވި ނ. ހޮޅުދޫ، ނެލުމް، އިބްރާހީމް މުހައްމަދާއި ގ. އުފާ، އަހުމަދު މުހައްމަދާއި މއ. ޓިއުލިޕްވިލާ މުހައްމަދު އަބްދުއްސައްތާރެވެ.
ބީއެމްއެލްގެ އަސާސީ ގަވައިދު ތަން ނުދޭތީ، ޕަބްލިކް އެހެން ކުންފުނިތަކާ ހިލާފަށް އާންމު މެންބަރުން ހޮވުމަށް ނެގި ވޯޓުގައި ސަރުކާރުން ވޯޓެއް ނުލަ އެވެ.

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ކަނޑައެޅުއްވީ، މ. ނައިބުގޭ ޑޮކްޓާ އަބްދުﷲ ޝިހާމާއި ބޭންކްގެ ސީއީއޯގެ މަގާމުގައި ހުންނެވި މިސްޓާ ޕީޓާ ހޯލްޓަން އާއި އެބޭންކުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައި މިހާރު ވެސް ހުންނެވި މ. ތާނގިދޮށުގޭ އައިޝަތު ނޫރައްދީން އާއި އެބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވި މއ. އަނޫމާ، މުހައްމަދު ޖައިޝް އިބްރާހިމް އާއި އެބޯޑުގެ މެންބަރު މ. ސީނުކަރަންކާގޭ، އާދަމް އާޒިމާއި ބޯޑުގެ މެންބަރު ގ. އަތަ، ހަސަން މުޒްނީ މުހައްމަދާއި ބޯޑުގެ މެންބަރު ހ. މީރުބަހުރުގޭ، ނުހާ މުހައްމަދު ރިޒާ އަދި ހ. އަނދުންގޭ، ހުސެއިން ޝަހީމެވެ.

ރޭގެ ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް އެއްވެސް ފައިސާއެއް ބެހުމަކަށް ނުނިންމަ އެވެ. ނަމަވެސް ރޭގެ ޖަލްސާގައި ރިއާސަތުން ބުނީ މި އަހަރުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދާ ގޮތަށް ޕްރޮވިޝަން ހަދައި މި އަހަރު ނިމުމުގެ ކުރިން ހިއްސާދާރުންނަށް ކޮންމެ ވެސް ވަރެއްގެ ފައިދާއެއް ބެހިދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.