28 Dec 2017, 10:21
އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީން 15 ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ޕްރިމިއާ ލީގު މެޗުގައި ނިއުކާސަލް އަތުން ސިޓީ މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެއީ ލީގުގައި ޖެހިޖެހިގެން ސިޓީން ކާމިޔާބުކުރި 18 ވަނަ މެޗެވެ.
އެ މެޗު ފެށުނީއްސުރެ ސިޓީން ދިޔައީ ނުރައްކާ ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ވެސް ސިޓީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ސާޖިއޯ އަގުއެރޯއާއި ކެވިން ޑި ބްރޭނާ އަދި ގެބްރިއަލް ޖީސަސްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ.
ގިނަ ހަމަލާތަކަކަށްފަހު ސިޓީން ލީޑު ހޯދީ މެޗުގެ 31 ވަނަ މިނެޓުގައެވެ. ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ދިން ރީތި ބޯޅައަކުން ސިޓިއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންއެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ސިޓީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ދެވަނަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ސިޓީގެ އާޖެންޓީނާ ފޯވަޑް އަގުއެރޯއަށެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 20 މެޗުން ލިބުނު 58 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 20 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.