އދ. މަޖިލިސް (ޑިސެމްބަރު 28) : މިޔަންމާގެ ސިފައިން ރޮހިންގާ މުސްލިމް އަންހެނުންގެ އެތައް ހާސްބަޔަކު ރޭޕްކުރި މައްސަލަ ކުށްވެރި ކުރުމަށާއި އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށާއި ތަހްގީގްތަކަށް އެއްބާރުލުން ދިނުމަށް އެގައުމުގެ ދައުލަތުގެ މުސްތަޝާރު އަދި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ އަންގްސަން ސޫޗީ ދެކޮޅު ހައްދަވައިފި އެވެ.

ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ ދަ ގާޑިޔަން ނޫސް ބުނާގޮތުން މިޔަންމާގެ ސިފައިން ރޮހިންގާ މުސްލިމް އަންހެނުންގެ އެތައް ހާސްބަޔަކު ރޭޕްކުރި މައްސަލައާ ބެހޭ ގޮތުން އދ. އިން ކުރަމުންގެންދާ ތަހްގީގްތަކަށް އެއްބާރުލުން ދެއްވުމަށް ސޫޗީ ވަނީ ކަނޑައެޅިގެން ދެކޮޅުހައްދަވައިަފ އެވެ. އެގޮތުން އދ.ގެ މުހައްގިގުން ސޫޗީއާ ސުވާލުކުރުމުން މި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާކަން ސޫޗީ ވަނީ މުހައްގިގުންނަށް އަންގަވައިފަ އެވެ.

މިޔަންމާގެ ސިފައިން ސިސްޓަމެޓިކް ގޮތެއްގައި ރޮހިންގާ މުސްލިމް އަންހެނުންނާއި އަންހެންކުދިން ރޭޕް ކުރަމުންގެންދާކަމުގެ ގިނަހެކިތަކެއް އދ. އިން ވަނީ ހޯދައިފަ އެވެ. އެ ހެކިތައް ހޯދީ ރޮހިންގާ ރެފިއުޖީންނާ ސުވާލުކޮށްގެންނާއި މެޑިކަލް ރިޕޯޓްތަކާއި ތަހްލީލްތަކުންނެވެ. މިހާތަނަށް ރޭޕްގެ ޝިކާރައަކަށްވެފައިވާ ރޮހިންގާ އަންހެނުންގެ އެތައް ހާސްބަޔަކު ބަނޑު ބޮޑުވެފައިވާ އިރު ބަންގްލަދޭޝް އަށް ހިޖްރަކުރި ރޮހިންގާ ރެފިއުޖީންގެ ތެރޭގައި މިފަދަ އަންހެނުން ހިމެނޭކަން އދ.ގެ މުހައްގިގުން ފާހަގަ ކުރެ އެވެ.

އދ.ގެ މުހައްގިގުންގެ ޓީމުގެ އިސްބޭފުޅެއްކަމަށްވާ ޕްރަމިލާ ޕެޓިންވަނީ ސޫޗީގެ އެއްބާރުލުން މިކަމުގައި ނުލިބުނު މައްސަލަ ފާހަގަކޮށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގްޓޭރަސް އަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. ޕްރަމިލާ ޕެޓިން ވަނީ މިޔަންމާގެ ސިފައިން ރޮހިންގާ މުސްލިމް އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަންނަ މައްސަލަ ތަހްގީގް ކުރުމަށް ބޭނުންވާ ހެކިތައް ހޯދުމަށް ޓަކައި މިޔަންމާގައި ދުވަސްތަކެއް ހޭދަކުރައްވައިފަ އެވެ. އޭނާ މިޔަންމާއިން އެނބުރި ވަޑައިގަތީ މިކަން ތަހްގީގް ކުރުމުގައި މިޔަންމާ ސަރުކާރުގެ އެއްބާރުލުން ނުލިބިގެންނެވެ.

މިޔަންމާ ސިފައިން އެގައުމުގެ ބައިމަދު ރޮހިންގާއިންގެ ނަސްލު ނައްތާލުމަށް ހިންގި ޖަރީމާތަކުގައި ރޮހިންގާއިންގެ އެތައް ސަތޭކަ ބަޔަކު މަރާލާފައިވާ އިރު އެތައް ހާސްބަޔަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވެ އެވެ. އަދި އެތައް ހާސް އަންހެނުންނާއި އަންހެން ކުދިން ރޭޕްކޮށްފައިވެ އެވެ. ނަސްލު ނައްތާލުމުގެ އަމަލުތަކުގައި ހަލައްކައަށް ވުރެ ގިނަ ރޮހިންގާއިން ވަނީ ވަޒަނުން ވެސް ބޭރުކޮށްލައިފަ އެވެ.

ވަޒަނުން ބޭރުކޮށްލި ރޮހިންގާ އިން ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެންތިބީ އަވަށްޓެރި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރީގަ އެވެ. މީގެއިތުރުން މިޔަންމާ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ވަނީ ރޮހިންގާއިންގެ މުދާތައް ފޭރި އެމީހުންގެ ގެދޮރުގައި ހުޅުޖަހައި އަންދާލައިފަ އެވެ. (ދަ ގާޑިޔަން)