ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ތިންވަނަ ބުރުގެ ނޮމިނޭޝަނަށް އަންނަ މަހުގެ 15ގައި ހުޅުވާލުމަށް ނިންމައިފިއެވެ.

ހައިރައިޒުން ބުނީ، އަންނަ މަހުގެ 15 އިން ފެށިގެން މާޗް 15އާ ހަމައަށް އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް ދާއިރާގައި ހިދުމަތްދޭ ފަރާތްތަކާއި ތަންތަނަށް ހުޅުވާލާނެ ކަމަށެވެ.

މިދިޔަ އަހަރު ސްރީލަންކާގައި އަދި މިއަހަރު އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައި ސަޓާ އެވޯޑް ކާމިޔާބުކަމާއެކު ބޭއްވުމަށްފަހު، އެ އެވޯޑުގެ ތިންވަނަ އެޑިޝަން ބާއްވަން ނިންމާފައިވަނީ މިފެށޭ އަހަރު އިންޑިއާގައެވެ. ނަމަވެސް އެ އެވޯޑު އަންނަ އަހަރު ބާއްވަނީ އިންޑިއާގެ ކޮން ސިޓީއެއްގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މަރިޔަމް މާއިޝާ ވިދާޅުވީ، އަންނަ އަހަރުގެ ސެޕްޓެމްބަރު ފަހުކޮޅު ނުވަތަ އޮކްޓޯބަރު މަހުގައި ސަޓާ އެވޯޑު ނެޓްވާކިން ފޯރަމްއަކާއި ރީޓްރީޓްއަކާއެކު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަހަރު އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައި ބޭއްވި ސަޓާ އެވޯޑުގެ ޝަރަފުވެރި 24 އެވޯޑެއް ރާއްޖެއިން ވަނީ ހޯދައިފައެވެ. ވޭތުވެދިޔަ ދެ އަހަރު ސަޓާގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ސަން އޮންލައިނެވެ.