ގދ. މަޑަވެލީގައި ފުލުހުންގެ އިދާރާ ހިންގަމުންދިޔަ އިމާރަތް ހުސްކުރަން އެރަށު ކައުންސިލުން އެދެފިއެވެ. މަޑަވެލީގައި ފުލުހުންގެ ހިދުމަތް މިހާރު ދެމުން އަންނަނީ ކައުންސިލުގެ ފަރާތުން ކުއްޔަށް ހިފާފައި ހުންނަ އަމިއްލަ މީހެއްގެ ގެއެއްގައެވެ.

މިކަމާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ނައިބު ރައީސް އަޒަމް މުހައްމަދު މިއަދު ވިދާޅުވީ، މަޑަވެލީ ޕޮލިސް ޕޯސްޓް ހިންގަމުން އައީ ކައުންސިލުން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށެވެ. އެ ތަން ހުސްކުރަން އެންގީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުލުހުންނާއި ހޯމް މިނިސްޓްރީއާ ވެސް ވާހަކަ ދައްކާފަ އެގޮތަށް ނިންމީ. ރަށު ރައްޔިތުންގެ ބަޖެޓުން ހަރަދުކޮށްގެން އެތަނަށް ކުލި ދައްކާ އިރު ދެކޮޅު ނުޖެހޭތީ އެކަން ވާނީ ހިއްސާ ކުރެވިފަ. ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބުމުން އެތަން ހުސްކުރަން އެންގީ،" ކައުންސިލްގެ ނައިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ރަށުގައި ފުލުހުންގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެގޮތްވުމަކީ ރައްޔިތުންނާއި ކައުންސިލްގެވެސް އެދުމެއް ކަމަށެވެ. "ނަމަވެސް ކައުންސިލުގެ ހަރަދުގައި މިވަގުތު ބޭތިއްބޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް މިހާރު އަމަލުކުރަމުންދާ ސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސްކަން ދެނީ ކައުންސިލްތަކާ ގުޅިގެން "ކޮސްޓް ޝެއަރިން ބޭސިސް"އެއްގައި ހިދުމަތްދިނުމަށް ކަމަށެވެ.

މަޑަވެލީގައި ފުލުހުންގެ ހިދުމަތް މެދުކަނޑާލަނީ އެ ސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ގާއިމުވެ ތިބުމަށް މަޑަވެލި ކައުންސިލާއި ފުލުހުން ކުރި މަޝްވަރާއިން އެފަދަ އެއްބަސްވުމަކަށް ނާދެވުމުން ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނީ، ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކައުންސިލްތަކުގެ އިސްނެންގެވުމާއި އެހީތެރިކަން ވަރަށް މުހިއްމު ކަމަށެވެ.