28 Dec 2017, 09:06
ސިންގަޕޫރުގެ މޮޑެލް އަދި ލަވަކިޔުންތެރިޔާ ކަރެން ސްޓެލާ ވޮންގް ކަރޯކޭ ލަވައެއް ކިޔަން ހުއްޓާ ވެއްޓި މަރުވެއްޖެ އެވެ.
އުމުރުން 28 އަހަރުގެ ސްޓެލާ މަރުވެފައި ވަނީ ލަވަކިޔަން ހުއްޓާ އޭނާގެ މުޅި ހަށިގަނޑު އައްސިވެ، ވާގި ނެތިގެން ކަމަށާއި އޭނާ ޑޮކްޓަރަށް ދެއްކުމުން އޭނާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އެޅިފައިވާ ކަމަށް ސްޓެލާގެ ރައްޓެއްސަކާ ހަވާލާދީ ' ދަ ސްޓްރެއިޓްސް ޓައިމްސް' ނޫހުގައިވެ އެވެ.
އޭނާ މަރުވީ އެކިއުޓް އިންޓްރަސެރެބްރަލް ހެމޮރޭޖްގެ ސަބަބުން ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ބުނެފައިވާއިރު ސްޓެލާ މަރުވީ ކޯމާގައި އޮންނަތާ ތިން ދުވަސް ފަހުން ކަމަށް އެ ނޫހުގައިވެ އެވެ.
ސްޓެލާގެ ދެ ކިޑްނީ އާއި ލިވާ އެހެން މީހަކަށް ހަދިޔާ ކުރި އިރު އޭނާގެ ބައްޕަ ބުނީ ދެ ކިޑްނީ އާއި ލިވާ ޓްރާންސްޕްލާންޓް ކޮށްގެން ތިން މީހެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އުފާވާ ކަމަށާއި ހެޔޮ ކަމެއް ކޮށްދެވުނީތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
މައުލޫމާތު: ދަ ސްޓްރެއިޓްސް ޓައިމްސް