ސަރުކާރަށް ބަލައިގަންނަ ހުރިހާ ފައިސާއެއް ރުފިޔާ އިން ބަލައިގަންނަ ގޮތަށް ނިންމި ނަމަވެސް ޑޮލަރުން އެ ފައިސާއެއް ބަލައިގަތުމަށް ގާނޫނުތަކުންނާއި ކޮންޓްރެކްޓްތަކުން ލާޒިމް ކުރާ ފައިސާތައް އަދިވެސް ބަލައިގަންނާނީ ޑޮލަރުން ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ޑައިރެކްޓާ ޖެނެރަލް، ރެވެނިއު ސާވިސް، ފަތުހުﷲ ޖަމީލު އިއްޔެ ވިދާޅުވީ މީރާ އިން ފައިސާ ބަލައިގަންނަނީ އަމަލު ކުރަމުން އަންނަ ގާނޫނުތަކާއި އަދި ސަރުކާރުން އެކި ފަރާތްތަކާ އެކު ކޮށްފައިވާ ކޮންޓްރެކްޓްތަކުގެ ދަށުން ކަމަށާއި ގާނޫނުތަކާއި ކޮންޓްރެކްޓްތަކަށް ބަދަލުނުގެންނަހާ ހިނދަކު އެ ފައިސާ ބަލައިގަންނާނީ ޑޮލަރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މި އޮންނަ ގޮތަކީ އަޅުގަނޑުމެން ފައިސާ ބަލައިގަންނަނީ ގަވާއިދެއް ނޫނީ ކޮންޓްރެކްޓެއްގެ ދަށުން. އަޅުގަނޑުމެން ބަލައިގަންނަމުން ގެންދާނީ އޭގައި ]ގާނޫނާއި ގަވާއިދާއި ކޮންޓްރެކްޓުގައި[ ހުރިގޮތަށް. އެއީ ޑޮލަރުން ވިއްޔާ ޑޮލަރުން އަދި ރުފިޔާ އިން ވިއްޔާ ރުފިޔާ އިން. އެއަށް ބަދަލުގެނައިމާ ހަމަ އެކަނި ރުފިޔާ އިން ބަލައިގަނެވޭނީ،" ފަތުހުﷲ ވިދާޅުވި އެވެ.

ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމްގެ ޓެކްސް އާ ގުޅޭ ގާނޫނުތަކާއި ގާވާއިދުތައް އަދި ކޮންޓްރެކްޓްތައް ހަދާފައި ހުރީ ޑޮލަރުން ފައިސާ ދެއްކުމަށް ލާޒިމްކުރާ ގޮތަށެވެ. މިސާލަކަށް ބަލާ ނަމަ ޓީޖީއެސްޓީ އާއި ބެޑް ޓެކްސް އާއި އަދި ރިސޯޓުތަރައްގީ ކުރުމަށް އެކި ފަރާތްތަކާ އެކު ސަރުކާރުން ކޮށްފައިވާ ހުރިހާ ކޮންޓްރެކްޓެއްހެން ހުރީ ޑޮލަރުން ސަރުކާރަށް ފައިސާ ދައްކާ ގޮތަށް ކަމަށް މީރާ އިން ބުންޏެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް އިއްޔެ ވިދާޅުވީ ޑޮލަރުން ފައިސާ ބަލައިގަންނަ ގޮތަށް ލާޒިމްކޮށްފައި ހުރި ގާނޫނުތައް އިސްލާހުކޮށް އަދި ކޮންޓްރެކްޓްތަކަށް ވެސް ބަދަލުގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ. ނަމަވެސް އިސްލާހުކުރަނީ ކިތައް ގާނޫނު ކަމެއް އަދި އައު ކުރާނީ ކޮން ކޮންޓްރެކްތަކެއް ކަމެއް އިނާޒް ވިދާޅެއްނުވެ އެވެ.

"އަޅުގަނޑުމެންގެ މިބަދަލާ އެކު ގެންނަން ޖެހޭ ބަދަލުތައް ވަރަށް އަވަހަށް ގެންނާނަން. އެ ކަމަށް އޭޖީ މަސައްކަތް ފައްޓަވައިގެން ކުރިއަށް އެބަ ގެންދަވާ. މި ވަގުތައް އެވަރުން ކުރު ކޮށްލާނީ،" އިނާޒް ވިދާޅުވި އެވެ.
ޑޮލަރުގެ ގަނެ ވިއްކާ އަގު ބޮޑު ކުރިތާ ތިން މަސް ދުވަސް ފާއިތުވެ ޑޮލަރުގެ ހަމަ އަގު ނޭނގި އޮޅިފައިވާ އިރު އިނާޒް ވިދާޅުވީ ދިވެހި ރުފިޔާ އިން މުއާމަލާތްކުރަން ފެށުމުން ދިވެހި ފައިސާގެ އަގު އުފުލި ޑޮލަރަކީ ވެސް ފަސޭހަކަމާ އެކު އެންމެނަށް ވެސް ލިބޭނެ އެއްޗަކަށް ވާނެ ކަމަށެވެ.

"ދިވެހި ރުފިޔާ އިން އެބަޖެހޭ ރާއްޖޭގައި ހުރިހާ މުއާމަލާތްތަކެއް ކުރެވޭ އެއްޗަކަށްވާން. އެހެންވެ ސަރުކާރުން ފުރަތަމަ މި ކަމަށް އިސްނެގީ. ދެން އަޅުގަނޑު އުންމީދު މި ކުރަނީ އެހެން ބޭފުޅުން ވެސް މިގޮތް ގަބޫލުކުރައްވައި ދިވެހި ރުފިޔާ އިން މުއާލަމާތްކުރަން ފައްޓަވާނެ ކަމަށް." އިނާޒް ވިދާޅުވި އެވެ.