28 Dec 2017, 08:50
ސިޔާސީ ގޮތުން ރާއްޖޭގައި ދެ ފިކުރެއް އުފަން ކުރުވި އަދި މިހާރު އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ޤައްޔޫމާއި މުހައްމަދު ނަޝީދުއާ ދެމެދު ވަރަށް އަވަހަށް މައްސަލަ ޖެހި ހުޅުފަޅައިގެން ދާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ.
ރޭ ޗެނަލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވަނީ އިދިކޮޅު ލީޑަރުން އެކުވެގެން އުފައްދާފައިވާ ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ކޯލިޝަން މާ ގިނަ ދުވަހު ދެމިނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށް އިދިކޮޅު ބައެއް ލީޑަރުން ގޮވާލަމުންދާތީ ނިހާން ވިދާާޅުވީ، ކޮންމެ ޕާޓީއަކުން އަދި ކޮންމެ ލީޑަރަކު ވެސް ބޭނުންފުޅުވެލައްވަނީ އެ މީހަކު އިންތިހާބުގައި ވާދަކުރެއްވުމަށް ކަމަށެވެ. އަދި ނިހާން ކުރިން ވެސް ވިދާޅުވަމުން ގެންދަވާ ތެލާއި ފެން އެކު ނުވާނެ ފަދައިން މައުމޫނާއި ނަޝީދަށް އެކުގައި މާގިނަ ދުވަހު ގުޅިގެން މަސައްކަތް ނުކުރެވޭނެ ވާހަކަ ތަކުރާރުކުރެއްވިއެވެ.
"އޭރުވެސް އަޅުގަނޑުމެން ދެންނެވީމު ތެލާ ފެނާ އެކެއް ނުވާނެއޭ. އެއްވެސް އިރަކު ކެނެރީގެ މުހައްމަދު ނަޝީދުގެ އެހުންނަ ގައުމު ފަނާކުރަނިވި ލާދީނީ ފިކުރަކާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރީގެ ރައީސް މައުމޫންގެ ފިކުރަކާ ދިމައެއް ނުވާނެ. މެޗެއް ނުވާނެ. ކޮންމެވެސް އެއް އިރަކުން މައްސަލަ ވަރަށް އަވަހަށް ހުޅު ފަޅައިގެން ދާނެ،" ކުރިން މައުމާނާ އަރިސްކޮށް މަސައްކަތްކުރެއްވި ނިހާން ވިދާޅުވިއެވެ.
ނަޝީދާ މައުމޫނުގެ އިތުރުން ނަޝީދާއި އަދާލަތު ޕާޓީއާ ވެސް ޒަމާންވީ ދެބަސްވުންތަކެއް އުފެދިފައި ހުރިކަން ނިހާން ފާހަގަކުރެއްވިއެވެ. އެގޮތުން ނާޝިދުގެ ދީނީ ސިޔާސަތާ އެއްވެސް ގޮތަކަށް އާދަލަތު ޕާޓީގެ ސިޔާސަތު އެއް ނުކުރެވޭނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރުމަކީ އިދިކޮޅު ލީޑަރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެންމެ އަޑަށް ބާރުލައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ނަޝީދަށް އެ ފުރުސަތު ލިބެންޖެހޭނެ ކަމަށް ގަބޫލުުފުޅުކުރައްވާނަމަ ޖަލުގައި ހުރި ކޮންމެ ކުށްވެރިއަކަށް ވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.
"އެމްޑީޕީއަކަށް އަދި އަމުދުން އިސްވެހުރެގެނެއް މުހައްމަދު ނަޝީދަކަށް ނެރެވޭނެ ކެނޑިޑޭޓަކު ނެތް. އެއީ އެ ޕާޓީތެރެއަށް ވައިކުޑައެއްގައި ފުންމާލި މީހުން އެދަނީ ގަދަކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ހީވަނީ އެދަނީ ރަނގަޅަށް ހެން،" ޑީއާރުޕީ ބައިބައިވުމުން އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅުނު އިސްފަރާތްތަކަށް އިޝާރާތްކޮށް ނިހާން ވިދާޅުވިއެވެ.