28 Dec 2017, 01:13
ސަފާރީއަކުން ފުލުހުން ނެގި ބަނގުރާ ފުޅިތަކެއް އޭގެވެރިފަރާތާ ހަވާލުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ޑިމެންޝަން ނަމަކަށްކިޔާ ސަފާރީން ފުލުހުން ނެގި ބަނގުރާ ފުޅިތައް އޭގެވެރިފަރާތް ކަމަށްވާ ގ. ހިލްމަން އިބްރާހިމް ޚުޝާންއާ ހަވާލުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ފުލުހުންނާ ދެކޮޅަށް އޭނާ ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ސަފާރީން ފުލުހުން ބަނގުރާ ފުޅިތަކެއް ގެންދިޔައީ އޭގައި މަސައްކަތްކުރާ މީހެއް މާލެއިން ހައްޔަރުކުރިއިރު އެމީހާގެއަތުން އޭގައި ބޭނުންކުރާ ބްރޭންޑުގެ ބަނގުރާ ފުޅިތަކެއް ފެނިފައިވާތީއެވެ. އޭނާގެ އަތުން ހަތް ބަނގުރާފުޅި ފުލުހުން އަތުލިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ އެ ހަތް ފުޅިއަކީ އެ ސަފާރީގައި ގެންގުޅޭ ބްރޭންޑާ އެއްގޮތް ބްރޭންޑެއްގެ ރާފުޅިތަކެއް ކަމަށް ފުލުހުން ބުނާ ބުނުންފިޔަވައި، އެތަކެއްޗަކީ ސަފާރީގެ އެއްޗެއްކަން ނުވަތަ އެފުޅިތައް ބާލާފައި ވަނީ އެ ސަފާރީންކަން އެނގޭނެ އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެ އަމުރުގައި ވަނީ ސަފާރީގެ ވެރިފަރާތް ކަމަށްވާ ޚުޝާމަށް އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައިވާ ރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ހުއްދަ އޭނާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއް ތަންފީޒުކުރުމުގައި އެއްވެސް ފަރާތެއްގެ މުދަލެއް ހިފެހެއްޓުން ހުއްދަވެގެންވާނީ މައްސަލައެއްގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް ނުވަތަ އެ އެއްޗަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވާނަމަ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
ސަފާރީން ފުލުހުން ގެންދިޔަ ބަނގުރާ ފުޅިތަކަކީ ހައްޔަރުކުރި މީހާއާ އެއްވެސް ގުޅުމެއް ހުރިތަކެތިކަން ބެލެވޭނެ ހެއްކެއް ދެއްކިފައިނުވާއިރު، އެ ސަފާރީގެ ވެރިފަރާތުގެ މައްޗަށް އެ މައްސަލާގައި ތުހުމަތުކުރެވިފައިނުވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށަށް އެ ބަނގުރާފުޅިތައް ގެންގޮސްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ފުލުހުން ގެންދިޔަ ބަނގުރާ ފުޅިތަކަކީ ސަފާރީގެ ވެރިފަރާތް ކަމަށްވާ ޚުޝާނަށް ލިބިފައިވާ ހުއްދައިގެދަށުން ގެންގުޅެފައިވާތަކެތި ކަމަށާއި އެ ހުއްދައާ އޭނާ ޚިލާފުވެފައިވާކަމުގެ ތުހުމަތެއް މިހާތަނަށް އޭނާގެ މައްޗަށްކޮށްފައިނުވާކަމަށް ވެސް އެ އަމުރުގައިވެއެވެ.
"އެ ހުއްދައާ އެފަރާތުން ޚިލާފުވެފައިވާކަމުގެ ތުހުމަތެއް އެފަރާތުގެ މައްޗަށް މިހާތަނަށް ކުރެވިފައިވާކަން އެނގެން ނެތަތީ، ޑިމެންޝަން ސަފާރީ ބަލައި ފާސްކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ރާފުޅިތައް، އެތަކެތީގެ ވެރިފަރާތްކަމުގައިވާ ގ. ހިލްމަން، އިބްރާހީމް ޚުޝާންއާ ވީއެންމެ އަވަހަކަށް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކޮށް، މި މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.