އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކްލަބް އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ ކަށަވަރުކުރީ މިއަދު ހަވީރު ގދ.ތިނަދޫގެ މައްޗަށް 5-1 ލަނޑުން ކުރި ހޯދައިގެންނެވެ. މާޒިޔާ ފައިނަލަށް ދަތުރުކުރީ ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ ހަތް ޕޮއިންޓާއެކުއެވެ.

މާޒިޔާގެ އިބްރާހިމް އަތީގް ވަނީ މިއަދުގެ މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް، ހެޓްރިކް ހަދާފައެވެ. މާޒިޔާގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ފުވާދުއާއި މުހައްމަދު ސަހާހުއެވެ. ތިނަދޫގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒިލާލް މުހައްމަދެވެ.

އީގަލްސް ފައިނަލުން ޖާގަ ހޯދީ މިރޭ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 0-3 އިން ކުރި ހޯދައިގެންނެވެ. އީގަލްސް ވެސް ފައިނަލުން ޖަގާ ހޯދީ ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ ހަތް ޕޮއިންޓާއެކުއެވެ.

މިރޭގެ މެޗުގައި އީގަލްސް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ރާހުލް އަބްދުލް ސަމަދުއެވެ. އަނެއް ލަނޑު ޖަހައިދިނީ އީލަފް އަހުމަދެވެ.

މުބާރާތުގައި އިއްޔެ މާޒިޔާ އާއި ކްލަބް އީގަލްސް ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މާޒިޔާ އާއި އީގަލްސް ބައްދަލު ކުރާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.