28 Dec 2017, 09:47
ދުނިޔޭގެ އެންމެ ބޮޑު އެއް ރެކޯޑްސް ލޭބަލް، އެމެރިކާގެ އެޓްލާންޓިކް ރެކޯޑްސްއާ ދިވެހި ކުންފުންޏަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރުމަށް ނިންމައިފިއެވެ.
އެޓްލާންޓިކް ރެކޯޑްސްއަކީ ކޯލްޑްޕްލޭ، ސިއާ، ޑޭވިޑް ގެޓާ، ބްރޫނޯ މާސް، ޗާލީ ޕުތު، އެޑް ޝީރަން، ޖޭމްސް ބްލަންޓް އަދި ކެލީ ކްލާކްސަނާއި އެރީތާ ފްރެންކްލިން ފަދަ، ދުނިޔޭގެ ނަން މަޝްހޫރު ލަވަކިޔުންތެރިންނާއެކު މަސައްކަތްކުރާ ރެކޯޑް ލޭބަލް ކުންފުންޏެވެ.
އެޓްލާންޓިކް ރެކޯޑްސްގެ ވައިސް ޕްރެޒިޑެންޓް ބްރަޔަން ސެއިންޓް ޖޭމްސް ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖެ ވަޑައިގަތުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެޓްލާންޓިކް ރެކޯޑްސްއާ ގުޅިގެން މަސައްކަތްކުރާ ދިވެހި ކުންފުންޏަކީ މޯލްޑިވްސް އައިލެންޑްސް ރިއަލިޓީއެވެ.
އެޓްލާންޓިކް ރެކޯޑްސްގެ ވައިސް ޕްރެޒިޑެންޓް ބްރަޔަން ސެއިންޓް ޖޭމްސް ޗުއްޓީ ހޭދަކުރެއްވުމަށް މިރޭ ރާއްޖެ ވަޑައިގެންފައިވާ އިރު، އެކުންފުންޏާ ގުޅިގެން މަސައްކަތްކުރާ ދިވެހި ކުންފުނީގެ ފައުންޑަރ އަހްމަދު ޝާފީ މީޑިއާއާ ވާހަކަދައްކަވަމުން ވިދާޅުވީ، އެކުންފުނިން ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މުޅި ދުނިޔެއަށް ދައްކާލުމަށް ކަމަށެވެ.
އެކަން ކުރުމުގެ ގޮތުން އެޓްލާންޓިކް ރެކޯޑްސްއާ ގުޅިގެން ރާއްޖޭގައި ޚާއްސަ ރެކޯޑް ލޭބަލެއް އުފެއްދުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ޝާފީ ވިދާޅުވިއެވެ.
އެޓްލާންޓިކް ރެކޯޑްސްގެ ވައިސް ޕްރެޒިޑެންޓް ބްރަޔަން ސެއިންޓް ޖޭމްސް ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖެ ވަޑައިގަތުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭނާ އިތުރަށް ވިދާޅުވީ، ދެ ކުންފުނީގެ ގުޅުމުގެ ތެރެއިން، ރާއްޖޭގެ މިއުޒިކީ ފަންނާނުން އެމެރިކާއަށް ގެންގޮސް، އެގައުމުގެ ފަންނާނުންނާ ބައްދަލުކޮށް، ހުނަރުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ބޭރުގެ ފަންނާނުންވެސް ރާއްޖެ ގެނެސް، އެ ފަންނާނުންގެ ސީއެސްއާރު ނުވަތަ ޗެރިޓީ މަސައްކަތްތައް ކުރުމުގެ މަގު ތަނަވަސްކޮށްދޭންވެސް ނިންމާފައިވާ ކަމަށް ޝާފީ ވިދާޅުވިއެވެ.
މީޑިއާއާ ވާހަކަ ދައްކަވަމުން، އެޓްލާންޓިކް ރެކޯޑްސްގެ ވައިސް ޕްރެސިޑެންޓް ބްރަޔަން ސެއިންޓް ޖޭމްސް ވިދާޅުވީ، ރާއްޖޭގައި އޭނާ ހޭދަކުރާ ދުވަސްތަކުގެ ތަޖުރިބާ، އެމެރިކާގައި އޭނާއާއެކު މަސައްކަތްކުރާ ނަން މަޝްހޫރު ފަންނާނުންނާ ހިއްސާ ކުރާނެ ކަމަށާއި، އެމީހުންވެސް ދިވެހިރާއްޖެއަށް އައުމަށް ބާރު އަޅުއްވާނެ ކަަމަށެވެ.