28 Dec 2017, 02:26
މީގެ ހަފްތާއެއް ކުރިން ކ. ގުރައިދޫ ކައިރީގައި އޮތް ސަފާރީއަކުން މޫދަށް އެރިއުޅުނު ސްރީލަންކާގެ ފަތުރުވެރިއަކު މަރުވެފައިވަނީހާޓް އެޓޭކެއް ފަދަ ކަމެއް ދިމާވެގެން ގުދުރަތީ މަރަކުންކަމަށް އޭނާ ބެލި ޑޮކްޓަރުން ނިންމާފައިވަނިކޮށްއެމައްސަލަ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ.
މި މަހުގެ 20 ވަނަ ދުވަހު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 33 އަހަރުގެ ހަވަރަގޮޑާ ތަރަންގަ ނަމަކަށް ކިޔާ ފިރިހެނެކެވެ. އެ ހާދިސާ ހިނގައިގެން ފަތުރުވެރިޔާ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭނާ އޮތީ މަރުވެފައި ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ. މަރުވިއިރު އޭނާގެ ލޯބިވެރިޔާ ސަފާރީގައި އިނެވެ.
ގުރައިދޫ ސިއްހީ މަރުކަޒުގެ ތަރުޖަމާނު އަބްދުލް މަޖީދު "ސަން" އަށް ވިދާޅުވެފައި ވަނީ އެމީހާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ލަފާ ކުރެވެނީ އޭނާ ގެބިގެން ލޮނު ބޮވިފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތުމުން ކަމަށެވެ.
ސްރީލަންކާގެ ޑެއިިލީ މިރާ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ލަންކާގެ ނިގަމްބޯގެ ކޮރޯނަ ޑރ. ސިރީ ޖަޔަންތަ ވިކްރަމަރަތުނަ މިހާރުވަނީ މަރުވި ފިރިހެން މީހާއާއެކު ރާއްޖެއައި އޭނާގެ ލޯބިވެރިޔާ އާ ސުވާލުކުރުމަށް ފުލުހުންނަށް އަންގަވާފައެވެ.
ޑރ. ވިކްރަމަރަތުނަ ވިދާޅުވީ އެމީހާ މަރުވި ސީދާ ސަބަބު ޕޯސްޓްމޯޓަމުން ދެނެގަނެވިފައިނުވާކަމަށާއި،އޭނާއާއެކު ރާއްޖެ އައި ލޯބިވެރިޔާގެ ބަޔާން ނަގަން ޖެހޭނެކަމަށެވެ.
އެފިރިހެން މީހާގެ އަންހެން ކޮއްކޮ ބުނީ އޭނާގެ ބޭބެއަކީ ކޮލެސްޓްރޯލް މަތިވުމުގެ ސަބަބުން ފަރުވާ ހޯދަމުން ދިޔަ މީހެއްކަމަށެވެ. އަދި އޭނާ ގެނބިގެން މަރުވުމުގެ ފަހަތުގައި އިތުރު ކަންތައްތަކެއް ވާކަމަށާއި،ގަސްދުގައި އޭނާ މަރާލީކަމަށް ބެލެވޭކަމަށް އެ އާއިލާއިން ތުހުމަތުކުރެ އެވެ. އަދި އެކަމުގައި އޭނާ އާ އެކު ދިޔަ ލޯބިވެރިޔާގެ ދައުރެއްވާކަމަށް ޝައްކު ކުރެވޭ ކަމަށްވެސް އާއިލާ އިން ބުންޏެވެ.
އެ ސަފާރީގައި މަސައްކަތްކުރާ މީހަކު "ސަން" އަށް ބުނީ އެ ހާދިސާ ހިނގި ވަގުތު އޭނާ އޮތީ ޑައިވިންކުރުމަށް އަޑީގައި ކަމަށާއި އެތަން އެހާ ފުން ނޫން ކަމަށެވެ. ޑައިވިނަށްފަހު އޭނާ މައްޗަށް އެރި އިރު އެ ފަތުރުވެރިއާ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.