ހދ. ނޮޅިވަރަންފަރުގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ކުންފުނި 52،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެޗްޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފައި ވަނީ ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނެތި 25 ޗަނަލެއް ރީ ބްރޯޑްކާސްޓްކޮށްފައިވާތީ އާއި އެ ކޮމިޝަނުން ފާސްކުރުމެއް ނެތި ޕެކޭޖުތަކެއް ވިއްކާފައިވާތީއެވެ.

އެ މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ ޖަވާބުދާރީވަމުން އެ މައްސަލައަށް އެކުންފުނިން އިންކާރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައި ވަނީ ރީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނުހޯދައި 25 ޗެނަލެއް އެއާޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށް އެޗްޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ރީ ބްރޯޑްކާސްޓް ކޮށްފައިވާކަން އެ ކޮމިޝަނުން ބެލިބެލުމުން އެނގޭކަމަށެވެ.

އެހެންކަމުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރިބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2000 ރުފިޔާގެ މަގުން ޖުމުލަ 50,000 ރުފިޔާ އިން އެކުންފުނި ވަނީ ޖޫރިމަނާކޮށްފައެވެ.

އެ ކޮމިޝަނުން ފާސްކުރުމެއް ނެތި ޕެކޭޖުތަކެއް ވިއްކާފައިވާކަމަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާތީ 2000 ރުފިޔާއިން އެޗްޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑް ވަނީ ޖޫރިމަނާ ކޮށްފައެވެ.

އެކުންފުނިން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 52,000 ރުފިޔާ 30 ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ދެއްކުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެކުންފުންޏަށް އަންގާފައެވެ.