ފީފާ ވޯލްޑް ކަޕުގެ ތަށި ރާއްޖެ ގެނައުމުގެ ޚިޔާލު ދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ކޮކާކޯލާ އިން ސްޕޮންސަ ކޮށްގެން އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގެ ކުރިން އެ މުބާރާތުގެ ތަށި ދުނިޔޭގެ އެކި ގައުމުތަކަށް ގެންދިއުމަށް ކުރާ ދަތުރުގައި އަންނަ މަހު ރާއްޖެއަށް ތަށި ގެންނާނެ ކަމުގެ ޔަގީންކަން ބައްސާމް ވަނީ ދެއްވާފައެވެ.

"މި ތަށި ރާއްޖެ ގެނައުމަށްޓަކައި ރައީސް ޔާމީން ދެއްވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެ ހިސާބުން އަޅުގަނޑުމެން މަސައްކަތް ފެށީ މި ތަށި ރާއްޖެ ގެނައުމަށް." ބައްސާމް ވިދާޅުވިއެވެ.

އަންނަ މަހު 22ގައި އިނގިރޭސިވިލާތުގެ ލަންޑަނުން ފެށުމަށް ހަމަޖެހިފައިވާ މި ފަހަރުގެ "ޓްރޮފީ ޓުއާ" ގައި ވޯލްޑް ކަޕްގެ ތަށި ރާއްޖެ ގެންގާނީ އަންނަ މަހުގެ 24 ވަނަ ދުވަހު ކަމަށް ބައްސާމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ވޯލްޑް ކަޕްގެ ޓްރޮފީ ރާއްޖޭގެ ފަސްގަނޑުގައި ޖެހިގެންދާނެ. އަދި އޭގެ އަނެއް ދުވަހު ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ހަރަކާތްތަކެއް ހިންގަން މިދަނީ ރާވަމުން،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ރާއްޖެއަށް ތަށި ގެނައުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށާއި އެހެން ކަމުން އަންނަ އަހަރު ވެގެންދާނީ ރާއްޖެ އަށް ވަރަށް ޚާއްސަ އަހަރަކަށް ކަމަށެވެ.

"މިއީ ރާއްޖޭގައި ފުޓްބޯޅަ އަށް ސަޕޯޓުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެއް. މިކަމާއެކު އަޅުގަނޑުމެނާއި ބައިވެރިވާ ކޮކާކޯލާ އާއި އެހެނިހެން ފަރާތްތަކަށް ޝުކުރު އަދާކުރަން،" ބައްސާމް ވިދާޅުވިއެވެ.

މިފަހަރު ވޯލްޑް ކަޕް ޓްރޮފީ ގެންދިއުމަށް ތާވަލް ކޮށްފައިވާ ސިޓީތަކުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ އާއި ތައިލެންޑުގެ ޕުކެޓާއި ޕާކިސްތާނުގެ ލާހޫރާއި ފަލަސްތީނުގެ ރާމަﷲ އާއި ޔޫއޭއީގެ ދުބާއީ އާއި ދެކުނު އެފްރިކާގެ ޖޮހަނެސްބާގާއި ކޭޕް ޓައުން ހިމެނެ އެވެ. މީގެ އިތުރުން އަޒަރްބައިޖާންގެ ބަކޫ އާއި ޖޯޑަންގެ އައްމާން، ކެންޔާގެ ނައިރޯބީ، ޗައިނާގެ ދެ ސިޓީ އަކާއި ޖަޕާނުގެ ދެ ސިޓީ ހިމެނެ އެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަންނަށް މިހާރު ދޭ ޓްރޮފީ އަކީ 1974 ވަނަ އަހަރު ތައާރަފްކުރި ޓްރޮފީއެކެވެ. ޖެހިޖެހިގެން ތިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ކުރިން ދެމުން އައި ޖޫލްސް ރިމޭ ޓްރޮފީ 1970 ވަނަ އަހަރު ދާއިމީކޮށް ދީފައި ވަނީ ބްރެޒިލަށެވެ.