ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހއ. ބާރަށުގައި ގާއިމުކުރުމުގެ އެއްބަސްވުމުގައި އެ މަރުކަޒާއި ބާރަށު ކައުންސިލާ ދެމެދު އިއްޔެ ސޮއިކޮށްފިއެވެ.

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު "ސަން" އަށް މިއަދު ވިދާޅުވީ އިއްޔެ ސޮއިކުރި އެއްބަސްވުމަކީ އެތަކެއް ދުވަހެއް ވަންދެން ކުރި މަސައްކައްކަތްތަކުގެ ނަތީޖާ ކަމަށެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ބާރަށުގައި ގާއިމްކުރުމަށް ބާރަށު ކައުންސިލާއި، ގުރުއާނާބެހޭ މަރުޒަކުން ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ފޭސްބުކު

ޝުޖާއު ވިދާޅުވީ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ހިނގަމުންދާނީ އެ ރަށު ޕްރީ ސްކޫލުގައި ކަމަށެވެ.

ގުރުއާނާބެހޭ މަރިކަޒުގެ ގޮފީގައި ކުޑަކުދިންނަށް ކިޔަވައިދިނުމުގެ އިތުރުން ގާރީ ފެންވަރުގެ ކޯސްތައް ބޮޑެތި މީހުންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ބާރަށުގައި ހުޅުވާ ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕަށް ބޭނުންވާ ފަންނީ ޓީޗަރުން ހޯދުމުގެ މަސައްކަތް ގުރުއާނާ ބެހޭ މަރުކަޒުން ކުރިއަށްގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ދެ މަސްދުވަހުގެ ތެރޭ ނިންމައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގުރުއާނާބެހޭ މަރުކަޒުގެ އިތުރު ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. އުތީމުގައި ވެސް އެ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.