ލ. މާބައިދޫގެ ގިނަ އަދަދެއްގެ އަންހެނުން ނިކުމެ އެ ރަށު ކައުންސިލް އިދާރާ ހިސޯރުކޮށް އިހްތިޖާޖު ކުރަމުން އެބަދެއެވެ.

އިހްތިޖާޖް ގައި ބައިވެރިވަމުންދާ ކަނބަލެއް 'ސަން' ބުނީ މިއަދު ހެނދުން ފެށިގެން އިހްތިޖާޖު ކުރަމުން ދަނީ އެ ރަށު ކުއުންސިލުން އަންހެނުންގެ ކޮމެޓީއަށް ދޭން ޖެހޭ 80،000 އަށްވުރެން ގިނަ ފައިސާ ނުދީ ދިގުދަންމަމުންދާތީ ކަމަށެވެ.

މާބައިދޫ ރައްޔިތުން އެ ރަށު ކައުންސިލް އިދާރާ ތެރޭގައި --- ފޮޓޯ: ކައުންސިލް

އެ ފައިސާ އަކީ އެ ރަށުގެ އިޖްތިމާއީ ސަރަހައްދު ސާފުކޮށްގެން ކައުންސިލުން އަންހެނުންގެ ކޮމެޓީއަށް ދޭންޖެހޭ ފައިސާ ކަމަށް އިހްތިޖާޖުގެ ބައިވެރިން ބުނެއެވެ.

"ހަތަރު މަސް ވެއްޖެ ފައިސާ ނުލިބޭތާ. އަޅުގަނޑުމެން މަހުން މަހުން ބިލްތައް ވެސް ފޮނުވަމުން ގޮސްފައިވާނީ. ކައުންސިލުން ބުމަނުން ދަނީ މިހާރު ދެވެން އޮތީ ދެމަހުގެ ފައިސާ ކަމަށް. އަނެއް ބައި ދެވެން އޮތީ އަންނަ އަހަރު ކަމަށް،" އިހްތިޖާޖު ކުރައްވަމުން ގެންދަވާ ކަނބަލެއް ކިޔައިދިނެވެ.

މާބައިދޫ ރައްޔިތުން އެ ރަށު ކައުންސިލް އިދާރާ ތެރޭގައި --- ފޮޓޯ: ކައުންސިލް

އޭނާ ބުނީ ކައުންސިލުން ހަތަރު މަހުގެ ފައިސާ އެއްކޮށް ދެއްކުމުން ނޫނީ އެއްވެސް ރައްޔިތަކު ކައުންސިލް ދޫކޮށް ދާން ބޭނުން ނުވާ ކަމަށާއި ކިތަންމެ ގިނަ އިރެއްވި ނަމަވެސް ހައްގުވާ ފައިސާ ލިބެންދެން އިހްތިޖާޖު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މާބައިދޫ ކައުންސިލްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ފަންސާހަކަށް ރައްޔިތުން އެ ރަށު ކައުންސިލް އިދާރާ ދޮށަށް އެއްވެފައިވާ ކަމަށާއި އެމީހުން ބުނަމުން ދަނީ އަންހެނުންގެ ކޮމެޓީއަށް ދޭން ޖެހޭ ފައިސާ ދިނުމަށް ކަމަށެވެ. އަދި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ވެސް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.