އިންޑިއާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އޮންނަނީ ގާތް ގުޅުމެއް ކަމަށާއި ދެން ވެސް އިންޑިއާ އޮންނާނީ ރާއްޖޭގެ "ފުރަތަމަ އެކުވެރިޔާ"ގެ ގޮތުގައި ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ ދަ ހިންދޫގައިވާ ގޮތުން މިނިސްޓަރު ސުޝްމާ އެފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އެވެ.

އެބައްދަލުވުމުގައި ބައެއް މަޖިލިސް މެމްބަރުން ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ޗައިނާގެ އިންވެސްޓުމެންޓުންނަށް މާބޮޑަށް އިސްކަންދޭތީ މަޖިލިސް މެމްބަރުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެނޫހުގައިވެ އެވެ.

ނަމަވެސް މިނިސްޓަރު ސުޝްމާ ވަނީ އިންޑިއާއިން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ އެގައުމުގެ އަވަށްޓެރިންނަށް ކަމަށާއި ރާއްޖެއާ އިންޑިއާ ދެމެދު އޮންނަނީ "ގާތް، އެކުވެރި އަދި ތަފާތު ދާއިރާތަކުން" އުފެދިފައިވާ ގުޅުމެއް ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން މިމަހު ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރި ފަހުން ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ރައީސް ޔާމީން ވަނީ ޗައިނާއާ އެކު ހެދި އެއްބަސްވުމެއްގެ ސަބަބުން އެހެން ގައުމަކާ ރާއްޖެއާ ދެމެދު އޮންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން ދަނީ އިންޑިއާއާ އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ނޫހަކުން އިންޑިއާއަކީ އަދުއްވެއް ކަމަށް ސިފަކޮށް ލިޔެފައިވާ ރިޕޯޓަކާ ބެހޭ ގޮތުން ވެސް ރައީސް ޔާމީން ވަނީ ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން އިންޑިއާއާ ދިމާލަށް ދިވެހީން އެއްޗެކޭ ބުނަން ނުޖެހޭ ކަމަށާއި އެއީ ރާއްޖެއާ އެންމެ ގާތް ގައުމު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވި ފަހުން އިންޑިއާގެ ނޫހަކުން ވަނީ ރާއްޖެ އާއި އެގައުމާ ދެމެދު އުފެދިފައިވާ ކަންބޮޑުވުންތަކާމެދު މަޝްވަރާ ކުރުމަށް އިންޑިއާގެ ވަފުދެއް އަންނަ މަހު ރާއްޖެއަށް އަންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެޚަބަރާ ބެހޭ ގޮތުން ދިވެހި ސަރުކާރުން ވެސް އަދި އިންޑިއާ ސަރުކާރުންވެސް އަދި ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.