27 Dec 2017, 15:35
އެކި ގޮތްގޮތުން ފުލުހުން ޓޯ ކުރާ ސައިކަލްތަކުގެ ތެރެއިން ނައްތާލާ ސައިކަލުތައް ބާ ދަގަނޑުގެ ގޮތުގައި ވިއްކާލަން ރާއްޖެ އިން ބޭރަށް ފޮނުވަން ނިންމައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެހެން ބުނެފައިވާ އިރު، އިއްޔެ ވަނީ ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުރުމުން ޓޯ ކޮށްފައި ހުރި 500 އަށް ވުރެ ގިނަ ސައިކަލު ނައްތާލަން ތިލަފުއްޓަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނާ ގޮތުން، އެއީ އެ ފަރާތުގެ ބެލުމުގެ ދަށުގައި ހުންނަތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ސައިކަލު ތަކެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސައިކަލްތައް ނައްތާލަން އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްފައިވާ ކަމަށާއި އެކުންފުނީގެ ފަރާތުން ނައްތާލާ ސައިކަލުގެ ބައިތައް ވަކިކުރުމަށް ފަހު އެތަކެތި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާނެ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދާނީ ފުލުހުންގެ ބެލުމުގެ ދަށުން ކަަމަށް ވިދާޅުވި އެވެ.
ނަމަވެސް އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ކޮން ގައުމެއްގެ ކޮން ކުންފުންޏެއް ކަމެއް އަދި އެ މަސައްކަތް ހަވާލު ކުރީ ކިހާ ވަރަކަށް ކަމެއް އަދި ނޭނގެ އެވެ.
ފުލުުހުން ނައްތާލާ ސައިކަލުތަކުގެ ތެރޭގައި ހިމެނެނީ ބޭނުން ނުކޮށް ޕާކިން ޒޯންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ބާ އުޅަނދުތަކާއި ވެރި ފަރާތް ބަދަލުވި ނަމަވެސް ރަޖިސްޓްރީ ބަދަލު ކޮށްފައި ނުވުމުގެ ސަބަބުން ރަޖިސްޓްރީ އޮތް ފަރާތުގެ ލިޔުމެއް ނެތިގެން އަނބުރާ ގެންގޮސްފައިވާ ނުވާ ސައިކަލުތަކެވެ.
އަދި ފައިސާ ދައްކާފައި ނުގެންގޮސް ހުރި ސައިކަލުތައް ހިމެނޭއިރު އެފަދަ ސައިކަލުތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވައިގެން ހިފަހައްޓާފައިވާ ސައިކަލުތައް ވެސް ހިމެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި ބުރުގައި ނައްތާލާ ސައިކަލުތަކުގެ ތެރޭގައި 2009 ވަނަ އަހަރުން ފެށިގެން ޓޯ ކޮށްފައިވާ ސައިކަލުތައް ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ސައިކަލެއް ކަމެއް ނޭނގެ އެވެ.
ފުލުހުން މީގެ ކުރިން ވެސް ބުނީ، ނައްތާލަން ތިލަފުއްޓަށް ގެންދިޔަ ނަމަވެސް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ދެއްކުމުން އެމީހެއްގެ ސައިކަލު ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި ވެހިކަލު ނައްތާލާނީ އެ ސައިކަލެއްގެ އެއްބަސްވުން ޓުރާންސްޕޯޓް އޮތޯރިޓީން ބާތިލް ކުރުމަށް ފަހުގައި ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އިއްޔެ ވަނީ، އެތަކެތި ތިލަފުއްޓަށް ގެންގޮސް ނައްތާލުމުގެ ބަދަލުގައި މަރާމާތުކޮށް ރީ ކޮންޑިޝަން ސައިކަލެއްގެ ގޮތުގައި އެހެން ގައުމަކަށް އެކްސްޕޯޓް ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި ވިދާޅުވީ، އެފްރިކާގެ ބައެއް ގައުމުތަކުން ރީ ކޮންޑިޝަން ސައިކަލަށް ރަނގަޅު މާކެޓެއް ލިބޭނެ ކަމަށާއި ސްރީ ލަންކާ އަށް ވެސް އެކްސްޕޯޓް ކުރެވިދާނެ ކަމަށެވެ.
ފުލުހުންގެ ގަވައިދު ބުނާ ގޮތުން އުޅަނދެއް ޓޯ ކުރާތާ 72 ގަޑިއިރު ތެރޭގައި ފުލުހުން އެކަން އިއުލާން ކުރަން ޖެހޭނެ އެވެ. އަދި އެ އުޅަނދުތައް އަނބުރާ ޓޯޔާޑުން ނެގުމަށް 60 ދުވަހުގެ މުހުލަތެއް ދެ އެވެ. އެ އުޅަނދު ނައްތާލާނީ އެމުއްދަތު ދިނުމަށް ފަހުގަ އެވެ.