27 Dec 2017, 14:58
ދިވެހިން އެދޭ ދިވެހި ރާއްޖެއެއް ދިވެހި ރައްޔިތުންނަށް ހޯދައިދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށާއި އިދިކޮޅު އެމްޑީޕީގެ ސިޔާސަތުކަށް ފާޑުވިދާޅުވެ ހަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަނެއް ދިވެހި ރާއްޖެއަށް ދާން ބޭނުންވަނީ ދެވިހިންގެ ތެރެއިން މަދު ބައެއް ކަމަށާއި އެ ދިވެހިރާއްޖެ ދިވެހިންނާ ބައްދަލުކުރީ 'މިނިކާވަގެއްގެ' ސިފައިގާ ކަމަށެވެ.
ހަލީލް އެ ވިދާޅުވާ އަނެއް ދިވެހި ރާއްޖެއަކީ އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައުމަށް ދިވެހި ރައްޔިތުންނަށް ވިއްކި ސިޔާސަތެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ރަށް ރަށުގެ މާލިއްޔަތުގައި ހުރި ފައިސާތައް ގެއްލި ސިވިލް ސާވެންޓުންގެ މުސާރަ ވެސް ނުދެވުނު ކަމަށް ހަލީލް ވިދާޅުވި އެވެ.
"..އިސްލާމީ އަދި ގުރުއާނާ ދަރިވަރުން ދުރުކޮށް ތައުލީމީ ނިޒާމް ހަރާބުކުރި. އެ ރާއްޖޭގައި އަމާންކަމެއް ނެތް. ދުވާލު ހަތަރުދަމު މުޒާހަރާ. އުފެއްދީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން. ރައްޔިތުންވީ ނިކަމެތި،" ހަލީލް ވިދާޅުވި އެވެ.
"ދިވެހިން އެދޭ ދިވެހިރާއްޖެއެއް ހޯދައިދެއްވީ ރައީސް ޔާމީން. އެއީ ތަރައްގީގެ ދިވެހިރާއްޖެ. އެއީ ތަހްޒީބްގެ ދިވެހިރާއްޖެ. އެއީ އަމަން އަމާން ކަމުގެ ދިވެހިރާއްޖެ. އެއީ ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިން ދިވެހިރާއްޖެ،"
ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީޕީއެމްގެ އިސްފަރާތްތަކުން ޓުވީޓްތަކެއް ކުރައްވާފައި މި ވަނީ ރޭ އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ފޮނުވި އޯޑިއޯ މެސެޖެއްގެ ސަބަބުންނެވެ.
އެ މެސެޖުގައި ޕީޕީއެމް ސަރުކާރުގެ ސިޔާސަތުތަކަށް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ވިދާޅުވީ ދިވެހި ރައްޔިތުން މިދަނީ ކަނުބަދެގެން އަދަވަޅަކަށް ވެއްޓެމުން ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށެވެ.