މިފެށޭ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ އެ މުބާރާތުގައި މިފެށޭ އަހަރުން ފެށިގެން ބައިވެރިވެވޭނީ ހަމައެކަނި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ޓީމުތަކަށެވެ. އެކަން އެފްއޭއެމުން ވަނީ މިމަހުގެ ކުރީކޮޅު އިއުލާންކޮށްފައެވެ.

މިފެށޭ އަހަރުގެ މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތައް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ 15:00ގެ ކުރިން ލިޔުމަކުން އެފްއޭއެމަށް ހުށަހެޅުމަށް އެ އިދާރާއިން އެދެއެވެ.

އެ މުބާރާތުގައި އަތޮޅަކުން ދެ ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެއްޖެނަމަ، މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ބުރު ހޯސްޓުކުރާ ރަށެއްގައެވެ. އަތޮޅު ބުރު ހޯސްޓުކުރަން ބޭނުންވާ ރަށްތަކުން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ 15:00ގެ ކުރިން ލިޔުމަކުން އެފްއޭއެމަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

އެ މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަނުން ދަތުރުކުރާނީ ޒޯން ބުރަށެވެ. ދެ ޓީމަށްވުރެ ގިނަ ޓީމު ވާދަކުރާ ޒޯންތަކުގައި ސެންޓްރަލައިޒްކޮށް ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެ ޓީމު ވާދަކުރާ ޒޯނެއްނަމަ ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދ. ކުޑަހުވަދޫއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދީ ފައިނަލުގައި ގދ. ތިނަދޫ ބަލިކޮށްގެންނެވެ.