ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ސިޓީއާ އެއްވަރަށް މެންޗެސްޓާ ޔުނައިޓުން ހަރަދުކޮށްފައިނުވާ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ހޯދިފައެއް ނުވެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ބާންލީ އަތުން ޔުނައިޓެޑް ބަލިވާން ދަނިކޮށް، ޔުނައިޓެޑަށް ޕޮއިންޓެއް ކަށަވަރުވީ ޖެސޭ ލިންގާޑް ކާމިޔާބުކުރި ދެ ލަނޑުންނެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުގެންނެވެ.

އެއްވަނައިގައި އޮތް ސިޓީއާއި ދެވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ރޭގެ މެޗުން ޔުނައިޓެޑް އެއްވަރުވުމާ ގުޅިގެން ރަށުން ބޭރުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، 15 ޕޮއިންޓުގެ ލީޑެއްގައި އޮތުމުގެ ފުރުސަތު ސިޓީއަށް ލިބޭނެއެވެ.

މިސީޒަނުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު ހޭދައެއް ކުރި ސިޓީން ދަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ރެކޯޑުތައް ދަމަހައްޓަމުންދާ ސިޓީން ވަނީ ޓްރާންސްފާ ބާޒާރުގައި 225 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ. ސިޓީން ރެކޯޑު އަގުތަކުގައި ހޯދި ކުޅުންތެރިންގެ ތެރޭގައި ދެ ޑިފެންޑަރުން ކަމަށްވާ ކައިލް ވޯކާއާއި ބެންޖަމިން މެންޑީ ފާހަގަކޮށްލެވެއެވެ.

ގާޑިއޯލާގެ ފުރަތަމަ އަހަރު ސިޓީން 191 މިލިއަން ޕައުންޑް ހަަރަދުކުރި އިރު، މޮރީނިއޯއާއެކު ޔުނައިޓެޑުން ވެސް ހަރަދުކުރި އަދަދު ކުޑައެއް ނޫނެވެ. މިދިޔަ އަހަރުގެ މެއި މަހު، ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވިފަހުން އެ ކްލަބުން ވަނީ ގާތްގަނޑަކަށް 300 މިލިއަން ޕައުންޑް ހަރުދުކޮށްފައެވެ.

މޮރީނިއޯ ބޮޑެތި އަދަދުތަކުން ކުޅުންތެރިންނަށް ހަރަދުކުރި ނަމަވެސް، ސިޓީން ހަރަދުކުރިވަރާ އެއްވަރަށް ޔުނައިޓެޑުން ހަރަދުނުކުރާ ކަމަށް އޭނާ ބުނެއެވެ.

"ބޮޑެތި ކްލަބުތައް ވަރަށް ގިނަ. އަހަރެންނަށް އެނގޭ ކޮބައިކަން ބޮޑެތި ކްލަބުތަކަކީ. ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ޒިންމާއޭ ބުނާ އިރު، އެކަމުގައި ޓޮޓެންހަމްގެ ޒިންމާއެއް ނެތް. ޓޮޓެންހަމްއާއި އަހަރެމެންގެ ތާރީހު މުޅިން ތަފާތު. އާސެނަލް އަދި ޗެލްސީއަށް ވެސް އެ ޒިންމާއެއް ނޯވޭ. މެންޗެސްޓާ ސިޓީން އެދަނީ ސްޓްރައިކަރުން ގަންނަ އަގުތަކުގައި ފުލް ބެކުން ހޯދަމުން. އެހެންވީމާ ބޮޑެތި ކްލަބުތަކުގެ ވާހަކަ ދައްކާ އިރު، ވާހަކަ ތި ދެއްކެނީ ތާރީހާ ގުޅުވައިގެން. އަހަރެމެންނަށް އެންމެ ރަނގަޅަށް ހަރަދެއް ނުކުރެވޭ،" އޭނާ ބުންޏެވެ.