ގާހިރާ (ޑިސެމްބަރު 27): މިސްރުގެ ސައިނާގައި ހުންނަ އަސްކަރިއްޔާގެ ޗެކްޕޮއިންޓުތަކަށް 2013 ވަނަ އަހަރު ދިން ހަމަލާތަކާ ގުޅިގެން 15 މީހަކަށް މަރުގެ އަދަބު ދީފި އެވެ.

އިއްޔެގެ ވަގުތެއްގައި ގާހިރާގެ ދެ ޖަލެއްގައި އެ 15 މީހުންނަށް މަރުގެ އަދަބު ދިނީ ނުވަ ސިފައިންގެ މީހަކު މަރާލުމުގެ ކުށުގަ އެވެ. އެ ހާދިސާ ހިނގީ މިސްރުގެ އަސްކަރިއްޔާ އިން އެގައުމުގައި އޮތް މުހައްމަދު މޫރުސީގެ ވެރިކަން ވައްޓާލި ފަހުން ހިނގި ހަމަނުޖެހުންތަކުގަ އެވެ.

އެއީ 2015 ވަނަ އަހަރު މިސްރުން ހަ މީހެއްގެ މައްޗަށް މަރުގެ އަދަބު ދިން ފަހުން އެއް ފަހަރާ އެންމެ ގިނަ އަދަދެއްގެ މީހުންނަށް މަރުގެ އަދަބު ދިން ފުރަތަމަ ފަހަރެވެ.

ފަހުގެ އަހަރުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ ސައިނާއަށް ގިނަ އަދަދެއްގެ ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު އައިއެސް އިން ވަނީ އުތުރު ސައިނާއަށް ބޮމާއި ބަޑީގެ ހަމަލާއެއްދީ 250 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ.

އެހަމަލާއަށް ފަހު މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ ސައިނާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެގައުމުގެ އަސްކަރިއްޔާއަށް ތިން މަހުގެ މުހުލަތެއް ދެއްވާފައި އެވެ. (ބީބީސީ)