27 Dec 2017, 12:13
ރާއްޖޭގައި ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކުން 2018 ވަނަ އަހަރަށްވާ ލައިސަންސް ފީ، އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ދެއްކުމަށް މަރުކަޒީ ބޭންކުން އަންގައިފި އެވެ.
އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި އަންގާފައި ވަނީ، މަނިޓަރީ ގަވައިދުގެ ދަށުން ރާއްޖޭގައި ބޭރުގައި ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން، މި އަހަރަށް ދައްކަން ޖެހޭ ލައިސަންސް ފީ، ޖެނުއަރީ 31ގެ ކުރިން ދައްކައި ނިންމުމަށެވެ.
ރާއްޖޭގައި ބޭރުގެ ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރޭގައި ބޭންކުތަކާއި މާލީ ޚިދުމަތްތައްދޭ ފަރާތްތަކުގެ އިތުރުން ބައެއް އެހެނިހެން ވިޔަފާރިތައް ހިމެނެ އެވެ.
ނަވާރަސަތޭކަ އަށްޑިހަ ހަތް ވަނަ އަހަރު އެކުލަވާލާފައިވާ މަނިޓަރީ ގަވައިދުގެ ދަށުން، ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކުން ލައިސަންސް ފީގެ ގޮތުގައި އަހަރަކަށް ދައްކަން ޖެހެނީ 1،200 ރުފިޔާ އެވެ.
އަދި ހުއްދައާ އެކު، ބޭރު ފައިސާގެ ވިޔަފާރި ކުރާ ތަންތަނުގެ ބޭރުގައި އިނގިރޭސިންނާއި ތާނައިން "މަނީ ޗޭންޖާ" ޖަހާފައި ހުންނަން ޖެހޭ ކަމަށާއި ފައިސާ ގަނެ ވިއްކާ ރޭޓުތައް އާންމުކޮށް ފެންނާނެ ފަދަ ގޮތަކަށް ލިޔެފައި ހުންނަން ޖެހޭނެ ކަމަށް މަނިޓަރީ ގަވައިދުގައި ބުނެފައިވެ އެވެ.