11 Aug 2011, 12:43
ބައިނައަގްވާމީ އެކުވެރިކަމުގެ މެޗްތަކެއް ރޭ ކުރިއަށްދިޔައެވެ. ދުނިޔޭގެ ޗެމްޕިއަން ސްޕެއިންގެ މައްޗަށް ކުރީގެ ޗެމްޕިއަން އިޓަލީއިން ކުރިހޯދިއިރު ޖަރުމަނުންވަނީ ބްރެޒިލްގެ މައްޗަށް ކުރި ހޯދާފަ އެވެ. ކްލިންސަމަންގެ ފުރަތަމަ މެޗުން އެމެރިކާ ގޯލްޑްކަޕް ޗެމްޕިއަން މެކްސިކޯ ހިފެހެއްޓިއިރު ޗިލީއިން ވަނީ ފްރާންސް ހިފަހައްޓާފަ އެވެ.
ސްޕެއިން އަށް ފޯވާޑް ފެނާންޑޯ ޓޮރޭސަށާއި ޑިފެންޑަރު ޖެރާޑް ޕީކޭއަށް އަނިޔާވި މިމެޗްގައި ސްޕެއިންއަށް ވަނީ އެމީހުން ކުޅެމުންއައި ކުޅުން ދެއްކޭގޮތް ނުވެފަ އެވެ. އިޓަލީއިން ވަނީ މެޗްގެ 11 ވަނަ މިނެޓްގައި ކުރި ހޯދާފަ އެވެ. މިލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ ރިކާޑޯ މޮންޓޮލީވޯ އެވެ. އިޓަލީގެ ޑިފެންޑަރު ޗެލިނީ ސްޕެއިންގެ ފޯވާޑަށް ޕެނަލްޓީ އޭރިޔާތެރެއިން ފައުލް ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގެ ފައިދާނަގައި ޒަބީ އަލޮންސޯ މެޗްގެ 37 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްދިނެވެ.
ދެވަނަ ހާފްގައި ދެޓީމުންވެސް ކުރިހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ދެޓީމުގެ މެދުތެރެއާއި ފޯވާޑް ލައިންގެ ގުޅުން ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ އެވެ. ދުނިޔޭގެ ޗެމްޕިއަނުން ސިއްސުވާލާ އިޓަލީއަށް މެޗްގެ 84 ވަނަ މިނެޓްގައި އަލުން ކުރި ހޯދައިދިނީ މިޑްފީލްޑަރ އަލްބާޓޯ އަކިއުލާނީއެވެ. މިމެޗް ނިމިގެންދިޔައީ 2-1 ން އިޓަލީ ކުރި ހޯދައިގެންނެވެ.
ތިންފަހަރުގެ ވޯލްޑްކަޕް ޗެމްޕިއަން ޖަރުމަނުންވަނީ އެމީހުންގެ މޮޅު ކުޅުންދައްކައި ވޯލްޑްކަޕްގެ ފަސްއަހަރުގެ ޗެމްޕިއަނުން ސިއްސުވާލާފައެވެ. މެޗްގައި ޖަރުމަނުން ޖެހި ތިންލަނޑާއި ބްރެޒިލްއިންޖެހި ދެލަނޑުވެސް ފެނިފައިވަނީ މެޗްގެ ދެވަނަ ހާފްގަ އެވެ.
މެޗްގެ 61 ވަނަ މިނެޓްގައި ޖަރުމަނަށް ލީޑް ނަގައިދިން ބަސްޓިއަން ޝުވެންސްޓެއިގާވަނީ މިމެޗްގައި ޖަރުމަނުން ޖެހި ތިންލަނޑުގައިވެސް އެހީތެރިވެދީފައެވެ. ޝުވެންސްޓެއިގާ ޕެނަލްޓީއަކުން ފުރަތަމަ ލަނޑުޖެހިތާ ހަމިނެޓްތެރޭ އެޓީމުގައި އަލަށް އުފެދުނު މެސީކަމަށް ބެކެމްބާ ބުނި މާރިއޯ ގޮޓްޒޭވަނީ ލީޑް ފުޅާކޮށްފަ އެވެ. އޭގެ ފަސްމިނެޓްފަހުން ބްރެޒިލްއަށް ޕެނަލްޓީއެއް ލިބުމުން ރޮބީނިއޯވަނީ ބްރެޒިލްއަށް ފުރަތަމަ ލަނޑު ކާޟިޔާބުކޮށްދީފަ އެވެ. މެޗްގެ 80 ވަނަ މިނެޓްގައި ޖަރުމަންގެ ތިންވަނަ ލަނޑު އަންދްރޭ ޝާލޭ ޖެހިއިރު މެޗްގެ ފަހު މިނެޓްގައި ނޭމާވަނީ ބްރެޒިލްގެ ދެވަނަ ލަނޑުޖަހާފައެވެ. މިމެޗް ނިމިގެންދިޔައީ 3-2 ން ޖަރުމަން މޮޅުވެގެންނެވެ.
ގޯލްޑްކަޕްގެ ފައިނަލްގައި ވާދަކުރި މެކްސިކޯއާއި އެމެރިކާ ކުޅުނު މެޗް 1-1 އެއްވަރުވި މެޗްގައި މެކްސިކޯއިން މެޗްގެ ކުރީކޮޅުގައި ކުރިހޯދިނަމަވެސް އެމެރިކާގެ އާކޯޗްގެ ބަދަލުކުޅުންތެރިޔާ ރޮބީ ރޮޖާވަނީ މެޗްގެ 73 ވަނަ މިނެޓްގައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ވޯލްޑްކަޕްގައި ޓީމްތެރޭ ބޮޑެތި މައްސަލަތަކެއް އުޅުނު ފްރާންސަށް މެޗްގެ 20 ވަނަ މިނެޓްގައި ލޮއިކް ރެމީ ކުރިހޯދައިދިންނަމަވެސް ޗިލީގެ ނިކޮލަސް ކޯޑޯވޯ މެޗްގެ 77 ވަނަ މިނެޓްގައި ޗިލީއަކީ ފްރާންސް ހިފަހައްޓާލެވޭނެފަދަ ޓީމެއްކަމަށް އަންގައިދިނެވެ. މިމެޗް ވެސް ނިމިގެންދިޔައީ 1-1 ން އެއްވަރުވެގެންނެވެ.