23 May 2010, 15:04
19:00
ތ. ބުރުނީގައި އާ މިސްކިތެއް އަޅައިދޭނީ އެރަށުގައި ސުނާމީއާ ގުޅިގެން އަޅާފައި ހުރި މިސްކިތް ތަޅާލަން ރައްޔިތުން އެއްބަސްވުމުން ކަމަށް، އިސްލާމިކް މިނިސްޓްރީން ބުނުމުން ރައްޔިތުން އެކަމަށް އެއްބަސްވެ ކުރަމުންދިޔަ މުޒާހަރާ މެދުކަނޑާލައިފި އެވެ.
ބުރުނާއީ ސަރުކާރުން ބުރުނީގައި މިސްކިތެއް އެޅުމަށް ހަތަރު މިލިއަން ރުފިޔާ ދީފައި ވަނިކޮށް އެރަށުގެ 99 އަހަރު ވީ ބާ މިސްކިތް މަރާމާތުކުރަން ސަރުކާރުން ނިންމުމުން އެރަށު ރައްޔިތުން ރަށު އޮފީސް ކައިރި އަށް އެއްވެ މިއަދު ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.
ބުރުނީ ކައުންސިލަރު މޫސާ އަބްދުލްގާދިރު ވިދާޅުވީ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ މެންދުރު ހާއިރު ފެށިގެން ކަމަށެވެ. އޭނާ ބުނީ ރައްޔިތުންގެ ޝަކުވާ އަކީ އާ މިސްކިތެއް އެޅުމަށް ބުރުނާއީ ސަރުކާރުން ހަތަރު މިލިއަން ރުފިޔާ ދީފައި ވަނިކޮށް އެ ރަށުގައި ހުރި ބާ މިސްކިތް މަރާމާތުކުރަން އިސްލާމިކް މިނިސްޓްރީން ނިންމުމުން ކަމަށެވެ. އަދި އެމީހުން ކުރަމުންދިޔަ މުޒާހަރާތައް މިއަދު މެދުކަނޑާލީ އިސްލާމިކް މިނިސްޓްރީން އެކަމުގައި ރައްޔިތުން ހިންހަމަޖެހޭ ކަހަލަ ޖަވާބެއް ލިބުމުން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުރުނީ ކައުންސިލަރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އާ މިސްކިތެއް އެޅުމުގެ ބަދަލުގައި ބާ މިސްކިތް އިމާރާތް ކުރުމަށް ނިންމާފައި ވަނީ ނެޝަނަލް ޕްލޭނިން ކައުންސިލުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް މިއަދު ސަންއެފްއެމް ބްރޭކިން ނިއުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެފައިސާ އަކީ ބުރުނާއީ ސަރުކާރުން ސުނާމީ އަރައިގެން އުޅުނު އިރު ދީފައިވާ ފައިސާއެއް ކަމަށެވެ.
މިކަމާ ގުޅިގެން ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އެފައިސާ އެހެން ކަމަކަށް ޚަރަދުކޮށްގެން ބުރުނީ މިސްކިތަށް ކުޑަ މިންވަރެއް ޚަރަދު ކުރުމަށް ކަމަށެވެ.