27 Dec 2017, 10:16
އިނގިރޭސި ޕްރިމިއާ ލީގުގައި ޖެސޭ ލިންގާޑުގެ ދެ ލަނޑުން މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްވި އިރު، ބްރައިޓަން އަތުން ޗެލްސީން މޮޅެއް ހޯދައިފި އެވެ.
އޯލްޑް ޓްރެފަޑްގައި ރޭ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ބާންލީން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. މެޗުގެ ތިންވަނަ މިނެޓުގައި ކެވިން ލޯންގް ދިން ބޯޅައަކުން ބާންލީއަށް ލީޑު ހޯދައިދިނީ އޭޝްލީ ބާންސް އެވެ. އެ ލަނޑަށް ފަހު ނަތީޖާ ހަމަހަމަކުރުމަށް ޔުނައިޓެޑަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެ އެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ބާންލީން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ބާންލީއަށް ލިބުނު ހިލޭ ޖެހުމަކުން ބާންލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޓީވަން ޑެފޯ އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ޔުނައިޓެޑް ގޯލުގެ މަތީ ކަނަކަށެވެ.
ގިނަ ހަމަލާތަކަކަށް ފަހު ޔުނައިޓެޑަށް އުންމީދު އާވެގެންދިޔައީ މެޗުގެ 53 ވަނަ މިނެޓުގަ އެވެ. އޭޝްލީ ޔަންގް ދިން ބޯޅައަކުން ޔުނައިޓެޑްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިންގާޑެވެ. އޭނާއަށް ލިބުނު ބޯޅަ، ވަރަށް ރީތިކޮށް ބާންލީގެ ގޯލަށް ވަނީ ފޮނުވާލައިފަ އެވެ. މެޗުގައި ޔުނައިޓެޑަށް ލިންގާޑް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ބްރައިޓަންގެ މައްޗަށް ޗެލްސީން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ސެސާ އަޒްޕްލިކުއެޓާ ނަގައިދިން ހުރަހަކުން ޗެލްސީއަށް ލީޑު ހޯދައިދިނީ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި ސެސް ފެބްރިގާސް ނަގައިދިން ކޯނަރަކުން ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ މާކޮސް އަލޮންސޯއެވެ.
ލީގު ތާވަލުގެ އެންމެ ކުރީގައި އަދި ވެސް އޮތީ 19 މެޗުން 55 ހޯދާފައިވާ މެންޗެސްޓާ ސިޓީ އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 20 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނާގައި އޮތް ޗެލްސީއަށް 20 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ.