11 Aug 2011, 11:53
ގދ. ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ނުވަ މަހުގެ ތުއްތު ފިރިހެން ކުއްޖަކު މަރާ ހަނގުރާމަ ކުރަމުން އެބަދެ އެވެ.
ވިހޭ ދުވަހުން ފެށިގެން ހިތުގެ ބައްޔަށް ފަރުވާ ހޯދުމުން އަންނަ ނުވަ މަހުގެ އެ ތުއްތު ކުއްޖާގެ ހާލު ސީރިއަސްކަމުން އެ ކުއްޖާ ވީހާ ވެސް އަވަހަކަށް މާލެ ފޮނުވާލުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފަ އެވެ.
ތިނަދޫގެ މަސްދަރުތަކުން އެނގުނު ގޮތުގައި އެ ތުއްތު ކުއްޖާއަކީ އެ ރަށާ ކައިރި ރަށެއްގެ މީހެއްގެ ކުއްޖެކެވެ. އަދި ސިކުނޑީގެ އުނިކަމެއް ހުންނަ އެ ކުއްޖާގެ މަންމަ އާއި ކުއްޖާގެ ކަންތައްތައް ބަލަހައްޓަމުން ދަނީ ޖެންޑާ އިންނެވެ. އަދި އެނޫން އެއްވެސް ބައެއްގެ އެހީތެރިކަމެއް ނުލިބޭ އިރު ޝަރުއީ ބައްޕަ އެއް ނެތ ފަސް ކުއްޖަކު އެކުއްޖާގެ މަންމަގެ އެބަތިއްބެ އެވެ.
ތިނަދޫ ހޮސްޕިޓަލުގެ މެނޭޖާ ޖީޒާ ހަސަން ވިދާޅުވީ ކުއްޖާ ވިހޭ ދުވަހުން ފެށިގެން ކުއްޖާ އަށް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގައި ކަމަށެވެ.
އަދި ކޮންމެ ދުވަހެއް ވެސް ވެފައި ވަނީ "ކުއްޖާގެ ފަހު ދުވަހަށް" ކަމަށެވެ. ޖީޒާ ވިދާޅުވީ ކުއްޖާގެ ހާލު އެހާ ވެސް ސީރިއަސް ކަމަށާއި ފުލައިޓެއް ހަމަޖެހުނުހާ އަވަހަށް ކުއްޖާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކުއްޖާ އަށް ދެމުން އަންނަ ފަރުވާ ކުޑަ އިރުކޮޅަކަށް ހުއްޓުނަސް ދުނިޔެއަކު ނޯންނާނެ. މިހާރު ހަމަ މެޝިނު ހުއްޓޭ އިރަށް ކުއްޖާގެ ދުވަސް ދާނެ،" ޖީޒާ ވިދާޅުވި އެވެ.
އެ ކުއްޖާ މާލެ ފޮނުވާލާ ގޮތަށް ހަމަޖެހިފައި ވަނީ ކުއްޖާގެ މަންމަ އާއި ޑޮކްޓަރަކާއި ނަރުހަކާ އެކު މަދަނައިގެ ދަށުންނެވެ. އަދި އެތިން މީހުންގެ ޓިކެޓް ދޭ ގޮތަށް ހަމަޖެހިފައި ވަނީ މަދަނައިން ފަހުން ބިލު ކުރާ ގޮތަށް ކޯޕަރޭޝަނުން ކަމަށް ޖީޒާ ވިދާޅުވި އެވެ.