އިންޑިއާ އާއި ރާއްޖެއާ މެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅުވައިގެން އިންޑިއާގެ ނޭޝަނަލް ހެރަލްޑް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާ އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދިން ނަމަވެސް އިންޑިއާއާ އެކު އޮންނަ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން އިންޑިއާ އާއެކު އޮންނަ ގުޅުމަށް ބުރޫ އަރާފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ސަފީރު ވިދާޅުވީ އެފަދަ ވާހަކަތައް ދެކެވެނީ މައުލޫމާތުގެ ސައްހަކަން ޔަގީން ކުރުމެއްނެތި ވާހަކަ ދައްކާތީ ކަމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަކީ އިކޮނޮމިކް ޑިޕްލޮމެސީގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި "ހިތުން ޑިޕްލޮމޭޓުންނަށް ވެގެން އުޅޭ ބޭފުޅުންނާއި" ބައެއް ސިޔާސީ ފަރާތްތަކުން، އެ އެއްބަސްވުމުގެ މާނަ އޮޅޭ ގޮތަށް ވާހަކަ ދައްކާތީ ހިތާމަ ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

"އަދުގެ އިގްތިސާދީ ދުނިޔޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަކީ އިގްތިސާދީ ޑިޕްލޮމަސީގެ ވަރުގަދަ ހަތިޔާރެއް. އޭގެ މާނަ އޮޅޭ ގޮތަށް ހިތުން ޑިޕްލޮމޭޓުންނަށް ވެގެން އުޅޭ ބޭފުޅުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ވާހަކަ ދެއްކުމަކީ ދެރަކަމެއް،" ސަފީރު ވިދާޅުވެފައިވެ އެވެ.

އިންޑިއާ އާއި އެގައުމުގެ ޕްރައިމް މިނިސްޓަރާ ގުޅޭ ގޮތުން "ސަރުކާރު ޕްރޮމޯޓު ކުރާ ނޫހަކުން" ރިޕޯޓުކޮށްފައިވާ ހިޔާލަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ސަފީރު ވިދާޅުވެފައި ވަނީ ރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމެއް ކަމަށާއި އާންމުންގެ ނުރުހުމުގެ ބަސްތަކާ އެކު އެ ރިޕޯޓު ނަގާފައިވާ ކަމަށެވެ. އަދި ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމަކަށް ބަދުބަސްބުނެ ރިޕޯޓު ކުރި މައްސަލަ ރާއްޖޭގެ މީޑިއާ ކައުންސިލުން ބަލަމުންދާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

"ގައުމުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް އަދި ބައިލެޓްރަލް ގުޅުންތަކަށް ހީނަރުކަން އަންނަ ފަދަ ގޮތަކަށް ރިޕޯޓުކުރާ ނަމަ އެކަން މޮނީޓާކޮށް ފިޔަވަޅު އަޅާނެ ގޮތުގެ ނިޒާމެއް މީޑިއާ ކައުންސިލުން ގާއިމް ކުރާނެ. އިންޑިއާ އާއި ރާއްޖެއަކީ ޒަމާނުއްސުގެ ގާތް ގުޅުމުން އޮންނަ ދެ ގައުމު. ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް. 2016 ވަނަ އަހަރު ތެރޭ ދެގައުމުގެ ދެމެދުގައި ވާނީ އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައި، އެ އެއްބަސްވުންތަކާ އެކު ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެއްޖެ،" ސަފީރު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އިންޑިއާ އަކީ ރާއްޖެ އިން އެދިއްޖެ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ އެހީދޭ ގައުމު ކަމަށާއި އެ ގުޅުން އަބަދު ވެސް އެގޮތަށް ދެމިއޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ބަދަލުތައް ގެންނެވުމަކީ ރައީސް ޔާމީންގެ އަމާޒުފުޅެއް ކަމަށާއި އެ ބަދަލުތައް ގެނައުމަށް ޗައިނާ އާ އެކު ގުޅުން ބަދަހި ކުރި ނަމަވެސް އެހެން ގައުމުތަކާ އެކު ބާއްވާ ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.