ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދުގެ އިތުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަން މިހާރު ވަނީ ރޫޅިފައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ރޭ ދެއްވި ބަޔާނަށް ރައްދުދެއްވައި ނިހާން ރޭ "ސަން" އަށް ވިދާޅުވީ އެކި ބާވަތްބާވަތުގެ އިންޓަވިއުތައް އެބޭފުޅުން ދެއްނީ ނަމެއްގައި ކަމަށާއި ހަގީގަތުގައި ކޯލިޝަން ވަނީ ރޫޅިފައި ކަމަށެވެ.

"މިހާރު ވެސް އެއޮތީ ރޫޅިފައި. ދެންހަމަ ނަމެއްގައި ކަމެއްކޮށްލުމުގެ ގޮތުން، ރައްޔިތުންނަށް ދައްކަން ތިމަންނަމެން މިތިބީ އިދިކޮޅަށް ގުޅިލާމެހިގެން ކަމަށް ދައްކަންވެގެން އެކި ބާވަތްބާވަތުގެ އިންޓަވިއުތަކާއި އެކި ބާވަތްބާވަތުގެ ކަންތައްތައް އެދަނީ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ވެސް ބޭނުން ވަނީ އެޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ބޭފުޅަކު ނެރެން ކަމަށާއި އެމްޑީޕީން ބޭނުންވަނީ އެ ޕާޓީން ނެރޭ ކެންޑިޑޭޓަށް އެހެން ހުރިހާ ލީޑަރުން ތާއީދު ކުރަން ކަމަށެވެ. އިދިކޮޅުގައި ހިމެނޭ އެންމެ ޕާޓީއަކުން ވެސް ރިޔާސީ ކެންޑިޑޭޓެއް ނެރޭ ހިސާބުން މިހާރު އެ ހަރަކާތްތެރިވާ ގޮތަށް އިދިކޮޅު ކޯލިޝަން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ކެންޑިޑޭޓެއް ނުނެރެވޭތާނގައި އެމީހުންނަށް އެއްބަޔަކު އަނެއް ބަޔަކަށް ތާއީދުކޮށްލަން ވެސް ނުތިބެވޭނެ. ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްގެން ދިޔައިމާ،" ނިހާން ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަލިކޮށް ދިވެހީންނަށް ރާއްޖެ ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވެފައިވާތީ އެކަމަށް ވެސް ނިހާން ވަނީ ރައްދު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީ މީހުން ބުނެއުޅޭހެން ރައީސް ނަޝީދު އެދައްކަވަނީ "ހޮޅި ވާހަކަ" ކަމަށާއި އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލުމަށް އެމަނިކުފާނަށް ގޮވާލާ ކަމަށެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅެއްގެ ކިބައިގައި ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުނެތްކަން ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށާއި ޝަރުތުހަމަނުވާ މީހަކަށް އެ މަގާމަށް ކުރިމަތިލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ނަޝީދޭ ހޮޅިވާހަކަ ދެއްކުން ހުއްޓާލައްވާށޭ. ނަޝީދަށް މިގައުމުގެ ވެރިކަމަށް ކުރިމައްޗެއް ނުލެވޭނޭ 2018 ވަނަ އަހަރު. އެއީ ރިޔާސީ ކެންޑިޑޭޓެއް ހިމެނޭ އެއްވެސް ދިމާލެއްގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދުގެ ނަމެއް، އެއްވެސް ޕާޓީއަކުން، އަދި ގުޅިލާމެހިފައިވާ ޕާޓީއަކުން ވެސް ނޯންނާނެ،" ނިހާން ވިދާޅުވި އެވެ.

ރައީސް ނަޝީދު ކަރެކްޝަންސްގެ ލޯންޗަށް އަރާވަޑައިގަންނަވަނީ ---- ސަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނީ އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްގެން ކަމަށާއި ބޭރު ގައުމަކުން ކިތަންމެ ވަރަކަށް ޕްރެޝަރު ކުރިޔަސް އެއީ ވާނެ ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވި އެވެ.

"ރާއްޖޭގެ ކޯޓުތައް ހިނގާނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނީ ނިޒާމުގެ ތެރެއިން. އެއީ ބޭރު ގައުމަކުން ރާއްޖޭގެ ދާޚިލީ ކަމެއްގެ ތެރެއަށްވަދެގެން ކުރެވޭނެ ކަމެއް ނޫން. ބޭރުގެ އެއްވެސް ގައުމަކަށް ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމުގެ ފުރުސަތެއް ނޯންނާނެ. ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނުތައް،" ނިހާން ވިދާޅުވި އެވެ.

މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގަތް ގޮތަށް ރައީސް ނަޝީދު ވަނީ "ގާނޫނަށް ފިއްލަވާފައި" ކަމަށާއި އެހެންކަމުން ރާއްޖެވަޑައިގެންފި ނަމަ އެމަނިކުފާނު ޖެހިވަޑައިގަންނަވާނީ ޖަލު ހުކުމް ތަންފީޒު ކުރައްވަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އެތެރެވަރިއަށް ވަދެއްޖެ ނަމަ ނަޝީދު ހަމަ ހިފާ ހައްޔަރުކޮށްގެން ގެންދާނީ ޖަލަށް،" ނިހާން ވިދާޅުވި އެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ ދިވެހީން މިހާރު ތިބީ ހަތަރު އަނގޮޅި ކަންމައްޗެއްގައި ކަމަށާއި މިއަދު އަނެއްކާ ވެސް އަޅުގަނޑުމެންނާ ކުރިމަތިވެފައި މިވަނީ ނާޒުކު ފައްތަރެއް ކަމަށެވެ. ދިވެހީން މިދަނީ ކަނު ބަދެވި އަނދަވަޅަކަށް ވެއްޓުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ބަލިކޮށް ދިވެހީންނަށް ރާއްޖެ ހޯދައިދޭނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ރޭ ވިދާޅުވެފަ އެވެ.