27 Dec 2017, 01:59
ރާއްޖެއަށް ދިމާވި ހިތާމަވެރި ސުނާމީ ކާރިސާއަށް 13 އަހަރު ފުރުމާގުޅިގެން އިދިކޮޅު އިއްތިހާދުން ބޭއްވި ހާއްސަ ޕެނަލް ޓިސްކަޝަނެއްގައި އިދިކޮޅު ހަތަރު ލީޑަރުންވެސް އެއްބައިވަންތަ ކަން އިސްކުރަން ގޮވާލައިފިއެވެ.
ޖުމްހޫރީ ޕާޓީގެ އިދާރާ، މާފަންނު ކުނޫޒުގައި ކުރިއަށްދިޔަ އެ ޕެނަލް ޑިސްކަޝަންގައި އިދިކޮޅު ލީޑަރުންގެ މެެސެޖް ފޯރުކޮށްދީފައިވަނީ އޯޑިއޯ މެސެޖެއްގެ ގޮތުގައެވެ.
ރާއްޖެއަށް ސުނާމީ ކާރިސާ ކުރިމަތިވި އިރު އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވީ ސުނާމީ ކާރިސާގައި ރައްޔިތުން ދެއްކި އެއްބައިވަންތަކަމަކީ މިސާލެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެދުވަހު ރައްޔިތުން އިސްކުރީ ގައުމީ މަސްލަހަތު ކަމަށާއި މިއަދުވެސް އެ ނަމޫނާ ދައްކަން ޖެހޭ ކަމަށެވެ.
ރައީސް މައުމޫން ޖަލްސާއެއްގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރައީސް މައުމޫނު ރޭ ވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލަތަކަކީ ސިޔާސީ ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު އަމަލުކުރަމުންދާ އުސޫލަކީ ސިޔާސީ ކާރިސާއެއް ކަމަށާއި އެ ކާރިސާއިން އަރައިގަތުމަށް އެއްބައިވަންތަ ވާންޖެހޭ ކަމަށެވެ.
ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެ މުހިންމު ކަމަކީ އެއްބައިވަންތަ ވުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން ތަފާތުވި ފިކުރުތައް މިއަދު ވަނީ އެއް ވިސްނުމެއްގައި މަސައްކަތް ކުރަން ފަށާފައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅުގެ އިއްތިހާދުގެ ބޭނުމަކީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުންކަމަށެވެ.

ގާސިމް އާއި ނަޝީދު: -- ފޮޓޯ: މިނިވަން ނޫސް
ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ކާމިޔާބީ ހޯދަން ބޭނުންނަމަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތްތައް ކޮށް ނިންމަން ޖެހެނީ ވަރުބަލިވުމެއް ނެތި ހިތްވަރާއެކު ކަމަށްވެސް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ކާމިޔާބީއާ ހިސާބަށް ވާސިލްވާނީ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށެވެ.
ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ މީގެ 13 އަހަރު ކުރިން ސުނާމީ ކާރިސާއާ ގުޅިގެން ދިވެހީން ދެއްކީ ޝުކުރުވެރިވުން ހައްގު އެއްބައިވަންތަ ކަމުގެ ނަމޫނާއެއް ކަމަށެވެ.
އިމްރާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގައުމީ އެއްބައިވަންތަކަން މިހާރަށް ވުރެ ބޮޑަށް ދައްކަން ޖެހޭ ކަމަށެވެ. ސިޔާސީ ލީޑަރުންގެ އަމިއްލަ މަސްލަހަތާއި ވިސްނުންތަކަށްވުރެ ބޮޑަށް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަކަށް އިމްރާން ހާޒިރު ކުރަނީ --- ސަން ފޮޓޯ: އަލީ ނަސީރު
ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އިދިކޮޅު އިއްތިހާދުގެ ހަތަރު ލީޑަރުންވެސް ހާއްސަ މެސެޖެއްދީފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވެސް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވާފައެވެ.