އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯޅީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ކައިވެނީގެ ވާހަކަ އަދިވެސް ނުނިމެ އެވެ. މިމަހުގެ 11 ވަނަ ދުވަހު މި ދެތަރިން ކައިވެނިކުރީ އިޓަލީގެ ރިސޯޓެއްގަ އެވެ. ކައިވެނީގެ ހަފްލާގައި ބައިވެރިވީ އާއިލާ އާއި ގާތް ރައްޓެހިން އެކަންޏެވެ.

ކައިވެންޏަށް ފަހު މާމުއިހަނދުގެ ދުވަސްތައް ޔޫރަޕްގައި ހޭދަކުރުމަށް ފަހު އެނބުރި އިންޑިއާއަށް ގޮސް އާއިލާގެ މީހުންނަށާއި ރައްޓެހިންނަށް ހާޢްސަކޮށް މި މަހުގެ 21 ގައި ނިއުދިއްލީގައި ވަނީ ހަފްލާއެއް ބާއްވައިފަ އެވެ. މި ހަފްލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ބައިވެރިވެވަޑައިގަތެވެ.

ވިރާޓް އާއި އަނުޝްކާ---

ވިރާޓްގެ ކްރިކެޓް ޓީމުގެ އެކުވެރިންނަށާއި އަނުޝްކާގެ ބޮލީވުޑްގެ އެކުވެރިންނަށް ހާޢްސަ ރިސެޕްޝަން ރޭ ވަނީ ބާއްވައިފަ އެވެ. އެ ރިސެޕްޝަނުގައި ބޮލީވުޑްގެ މަޝްހޫރު ގިނަ މޫނުތައް ފެނިގެން ގޮސްފައިވެ އެވެ. އޭގެ ތެރޭގައި ޝާހުރުކް ޚާން، އަމީތާބު ބައްޗަން، ރަންބީރު ކަޕޫރު، ކެޓްރީނާ ކެއިފް، ކަރަން ޖޯހަރު، ވަރުން ދަވަން އަދި ސިދާތް މަލޯތްރާ އާއި އަބީޝޭކް، އައިޝްވާރްޔާ އަދި ސާރާ ޚާން ފަދަ ތަރިން ހިމެނެ އެވެ.

މީގެ އިތުރުން ރޭކާ، ސްރީ ދޭވީ އަދި މަދޫރީ ޑިކްސިޓް ފަދަ ތަރިން ވެސް ރޭގެ ހަފްލާގައި ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން ވެސް އެހާރާއި މިހާރުގެ ގިނަ ފަންނާނުންނާއި ކްރިކެޓް ކުޅުންތެރިން އެ ހަފްލާގައި ބައިވެރިވި އެވެ.

އެ ހަފްލާގައި އަނުޝްކާ ލައިގެން ހުރީ ރަން ކުލައިގެ ލެހެނގާ އެކެވެ. ވިރާޓް ލައިގެން ހުރީ ނޫކުލައިގެ ސޫޓެކެވެ.