26 Dec 2017, 22:17
ގަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުރުމުން ޓޯ ކޮށްފައި ހުރި 500 އަށް ވުރެ ގިނަ ސައިކަލު ނައްތާލުމަށް މިއަދު ތިލަފުއްޓަށް ގެންގޮސްފިއެވެ.
މާލެއާއި ހުޅުމާލެއިން ޓޯކޮށްފައި ހުރި އެ ސައިކަލު ތަކަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ ދެ މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ސައިކަލު ތަކެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ތިލަފުއްޓަށް ގެންދިޔަ ސައިކަލު ތަކަކީ ޓޯ ކުރުމަށްފަހު އެކި ގޮތްގޮތުން ވެރިފަރާތައް އަންގައިގެންވެސް ނުގެގޮސް ހުރި ސައިކަލުތަކެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޓޯކުރުމަށްފަހު ދިން 60 ދުވަހުގެ ތެރޭގައި އެ ސައިކަލުތައް ގެންގޮސްފައި ނުވާތީ ތިލަފުއްޓަށް ގެންދިޔައީ ކަމަށެވެ.
މިއަދު ގެންދިޔަ ސައިކަލުތައް ނައްތާލާނީ ސީދާ ކޮން ތާރީޚެއްގައި ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅެއްނުވެއެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެ ސައިކަލުތައް އަނބުރާ ގެންދިޔުމުގެ ފުރުސަތު އަދިވެސް އޮންނާނެ ކަމަށެވެ.
"އަދިވެސް ހަމަ ސައިކަލުގެ ވެރިފަރާތައް އެބައޮތް ސައިކަލުގެ ލިޔެ ކިޔެކިޔުންތައް ހިފައިގެން ޓޯޔާޑަށް ގޮސް ނިންމަންޖެހޭ ކަންކަން ނިންމާ ސައިކަލުތައް ހޯދުމުގެ ފުރުސަތު،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން އެ އޮންނަ އުސޫލުިގެ ތެރެއިން 60 ދުވަސް ވުމުގެ ކުރިން ސައިކަލު ނެރެން އިސްކަން ދިނުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުންގެ ގަވައިދު ބުނާ ގޮތުން އުޅަނދެއް ޓޯކުރާތާ 24 ގަޑިއިރު ތެރޭގައި ފުލުހުން އެކަން އިއުލާން ކުރަން ޖެހޭނެއެވެ. އަދި އެ އުޅަނދުތައް އަނބުރާ ޓޯޔާޑުން ނެގުމަށް 60 ދުވަހުގެ މުހުލަތެއް ދޭން ޖެހޭނެއެވެ. އުޅަނދު ނައްތާލާނީ އެމުއްދަތު ދިނުމަށް ފަހުގައެވެ.