11 Aug 2011, 11:44
އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެފްއޭއެމް އިން ބާއްވަމުން އަންނަ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށް، ގްރޫޕް ބީ ފަޅިން ވިކްޓަރީ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ޓާފް އެންނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗް ވިކްޓަރީ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ، ޕޮލިސް ކުލަބާއި ބައްދަލުކޮށް 2-0 ލަނޑުން ނެވެ.
މެޗްގައި ވިކްޓަރީންޖެހި އެ ޓީމްގެ ފުރަތަމަ ލަނޑު މެޗް 12 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ސާޒްލީ އެވެ. އަދި ވިކްޓަރީގެ ދެ ވަނަ ލަނޑަކީ އިދިކޮޅު ޕޮލިސް ކުލަބްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެ ކެވެ.
މެޗުން މޮޅުވެ، ދެ ވަނަ ބުރުން ޖާގައެއް ވިކްޓަރީން ކަށަވަރު ކުރިއިރު، ގްރޫޕްގައި އެ ޓީމް އޮތީ ހަ ޕޮއިންޓާ އެކު ދެ ވަނާ ގައެވެ. ގޯލްގެ ތަފާތުން ގްރޫޕްގެ އެއް ވަނާގައި އޮތް ނިއުރޭޑިއަންޓަށް ލިބިފައި ވަނީ ވެސް ހަ ޕޮއިންޓެވެ. އަދި ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިން ވަނާގައި ކުލަބް އީގަލްސް އޮތް އިރު، ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލަށް ދިޔައީ ޕޮލިސް ކުލަބެވެ.
މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާ އެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް އޭ ފަޅިން ވާދަކުރާ ވީބީ އާއި މާޒިޔާ އެވެ. ގްރޫޕްގައި މި ދެ ޓީމަށް ވެސް ޖުމްލަ ހަތަރު ޕޮއިންޓު ލިބިފައިވާ އިރު، މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުން ޖާގަ ލިބޭނެ އެވެ. މިއަދުގެ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:40 ގަ އެވެ.