ކުރިން ފުލުހުންގެ ބޭނުންތަކަށް ބޭނުން ކުރި ކ. ފޭދޫ ފިނޮޅުގައި ރިސޯޓު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހޯމަ ދުވަހު މެންދުރު ފޭދޫފިނޮޅުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފެވެ.

ފޭދޫފިނޮޅުގައި ތަރައްގީ ކުރާ ރިސޯޓަކީ ފުލުހުންނަށް ސީދާ ގޮތުން މަންފާ ލިބިގެންދާނެ ރިސޯޓެކެވެ. ޖުމުލަ 50 އަހަރަށް ފޭދޫފިނޮޅު ކުއްޔަށް ދޫކޮށްފައިވާއިރު އެ 50 އަހަރުގެ ތެރޭގައި 85 މިލިއަން ޑޮލަރު ފުލުހުންގެ ވެލްފެއާ ކަންތައްތަކަށް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ ފައިސާ ޚަރަދުކުރާނީ އެ މުއައްސަސާގެ ތަރައްގީއަށާއި މުވައްޒަފުންގެ ވެލްފެއާ ކަންތައްތަކަށެވެ. އަދި އެ ރަށް ކުއްޔަށްދީގެން ލިބެން ޖެހޭ ފައިސާ މިހާރުވެސް ލިބެމުން އަންނަ ކަމަށާއި އެ ފައިސާ މިހާރުވެސް ފުލުހުންގެ ވެލްފެއާ ކަންކަމަށް ޚަރަދުކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުންޏެވެ.

މި އަހަރު އަމަލީ މަސައްކަތް ފެށިގެންދާ ރިސޯޓު ނިންމަން ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި ފޭދޫފިނޮޅުގައި ތަރައްގީކުރާ ރިސޯޓުން ފުލުހުންގެ މުއައްސަސާގެ ރަސްމީ ބޭނުންތަކަށާއި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަ ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް ފުލުހުން ބުންޏެވެ.