26 Dec 2017, 20:20
މިއަދު ހަވީރު ގދ. ގައްދުއަށް ކުރި ވިއްސާރާގައި އެ ރަށުގެ ބައެއްގެތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ވެއްޖެއެވެ.
މިއަދު ހަވީރު 5:00 އިން ފެށިގެން ގަޑިއިރެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައިވަނީ އެ ރަށުގައި ޗަކަ ބިން އޮންނަ ސަރަހައްދުގައެވެ.
ގައްދޫ ކައުންސިލް މެމްބަރު އާމިރު އަބްދުﷲ މިރޭ "ސަން" އަށް ވިދާޅުވީ މިހާތަނަށް އެއް ގެއެއްގައި މީހުންނަށް ނީދާ ނޫޅެވޭ ވަރަށް ފެންބޮޑުވެފައި ވާތީ އެހެންގެއަކަށް އެގޭގެ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ.
ގދ. ގައްދުއަށް ކުރި ވިއްސާރައިގައި އެރަށު ގެއްގައި ފެންބޮޑުވެފައި --- ފޮޓޯ: ގައްދޫ ކައުންސިލް
"އެއް ގެއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވަނީ. މިހާރުވެސް މިއުޅެނީ އެ ގެއިން ފެން ހިއްކުމުގެ މަސައްކަތުގައި. މިގެއިން މީހުން ބަދަލު ކުރަން ޖެހޭނެ. އެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށްއެބަދޭ،" އާމިރު ވިދާޅުވިއެވެ.
ގައްދޫ ކައުންސިލަރުން މިހާރުވެސް ދަނީ ފުލުހުންނާއި ގުޅިގެން އެ ރަށުގެ ގޭގޭގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ޕަންޕު ޖަހައިގެން ކުރަމުންނެވެ.
ގައްދޫ ކައުންސިލަރުން ދަނީ ވަރަށް ގާތުން ރައްޔިތުންގެ ހާލު ބެލުމަށް ފެންބޮޑުވި ގެތަކަށް ޒިޔާރަތްކުރަމުންނެވެ.
ގދ. ގައްދުއަށް ކުރި ވިއްސާރައިގައި އެރަށު ގެއްގައި ފެންބޮޑުވެފައި --- ފޮޓޯ: ގައްދޫ ކައުންސިލް
މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ގައްދުއަށް ބޯކޮށް ވާރޭވެހި ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ. އެގޮތުން އެ ވިއްސާރާގައި ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ސީލިންގެ ބައެއް ވެއްޓި ގެއްލުން ތަކެއް ވަނީ ވެފައެވެ.