26 Dec 2017, 19:06
ހދ. ކުޅުދުއްފުށީ ކުޅި ހިކުމާމެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ގޮވާލައި ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ މޭންގްރޫވް އެކްޝަން ޕްރޮޖެކްޓު (އެމްއޭޕީ) އިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިޓީއެއް ފޮނުވައިފިއެވެ.
މީގެ 25 އަހަރު ކުރިން 1992 އިން ފެށިގެން ދުނިޔޭގެ ކުޅިތައް ހިމާޔަތްކުރުމާއި އިއާދަކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ އެ ޖަމްއިއްޔާ އިން މިދިޔަ އަންގާރަ ދުވަހު ރައީސް ޔާމީނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކުޅުދުއްފުށީ ކުޅީގެ ބޮޑު ބައައް ހިއްކައި އެތާގައި އެއާޕޯޓެއް އެޅުމަށް ހިންގާ މަޝްރޫއަށް ހުއްދަ ދިނުމުގައި ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ ގަވާއިދުތަކަށް ތަބާވެފައި ނުވާކަން ފާހަގަކުރާ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް ބެލުމެއް ނެތި އެފަދަ ބިޔަ މަޝްރޫއެއް ކުރިއަށްގެންދިއުމަކީ ސަރުކާރުން ކުރިއަށްގެންދާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އާންމުންގެ ހިޔާލު ހޯދައިގެން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެ ސިޓީގައި ވަނީ އެދިފައެވެ. އަދި ތިމާވެއްޓަށް ކުރާނެ އަސަރު އަލުން ދިރާސާކުރުމަށާއި، އެއާހަމައަށް ކުޅި ހަލާކުކުރުމާއި އެސަރަހައްދުގައި މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުން ހުއްޓާލަން އެދޭކަމަށް ވެސް އެ ސިޓީގައިވެއެވެ.
އެމްއޭޕީގެ އެގްޒެކެޓިވް ޑިރެކްޓަރާއި އިންޓަނޭޝަނަލް ޕްރޮގްރާމް އެންޑް ޕޮލިސީ ޑިރެކްޓަރު ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އިތުރަށް ދިރާސާކުރުމަށް ބޭނުނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމްއިއްޔާ އިން ތައްޔާރަށް ތިބި ކަމަށެވެ.
އެ ޖަމްއިއްޔާ އިން ރައީސް ޔާމީނަށް ކަންބޮޑުވުން ފާޅުކޮށް ސިޓީއެއް ފޮނުވާފައިވާއިރު ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ހިއްކަންޖެހޭ ބިމުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި، ހަފްތާއެއްގެ ތެރޭގައި ބިންހިއްކައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.