މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީ ހުންނަ ޖީސިކްސް ރެސްޓޯރަންޓު ތެރޭގައި ޒުވާނެއްގެ ގަޔަށް ވަޅިހެރި ކަމަށް ތުހުމަތު ކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އޭގެތެރެއިން ތިން މީހެއްގެ މައްޗަށް އުފުލާފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ. ހަތަރު ވަނަ މީހާގެ މައްޗަށް އުފުލީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ޖީސިކްސް ތެރޭގައި ކޮފީބޯން އިންދައި ވަޅިހަރާލާފައި ވަނީ އުމުރުން 23 އަހަރުގެ އިސްމާއިލް ހަމްދާން ނަމަކަށް ކިޔާ ޒުވާނަކެވެ.

އެ މާރާމާރީގައި ލިބުނު ޒަޚަމްތަކަށް ހަމްދާނަށް ވަނީ އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ. އެ ހޮސްޕިޓަލުން ވަނީ އޭނާގެ އޮޕޮރޭޝަނެއް ވެސް ކޮށްފައެވެ.