ހދ. ކުޅުދުއްފުށީ ގަބުރުސްތާނުގައި ހުންނަ މަސްޖިދުލް ރަހުމާނު ދާއިމީކޮށް ބަންދުކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން އެގޮތަށް ނިންމައި އެކަން މިހާރު ވަނީ އެ ރަށު ރައްޔިތުންނަށް އަންގާފައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން މިއަދު "ސަން" އަށް ވިދާޅުވީ އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލަން ހަމަޖައްސައި މިސްކިތް ބަންދުކުރަން ނިންމީ އިސްލާމިކް މިނިސްޓްރީގެ އިރުޝާދާ އެކު ކަމަށެވެ. ސަބަބަކީ ގަބުރުސްތާނެއްގައި ނަމާދު ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ނުވާތީއެވެ.

"މިނިސްޓްރީންވެސް އަދި ދީނީ އިލްމްވެރިންވެސް އިރުޝާދު ދެނީ އެމިސްކިތުގައި ނަމާދު ނުކުރަން. އެހެންވެ މިހާރު އެ މިސްކިތް ބަންދުކުރަން ނިންމީ،" ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމިސްކިތަކީ މީގެ ސާޅީހަކަށް އަހަރު ކުރިން އަމިއްލަ މީހަކު އެ ރަށުގައި އިމާރާތް ކުރި މިސްކިތެއްކަމަށެވެ.